މިއަދުގެ ޑިޖިޓަލް މާހައުލުގައި މައުލޫމާތު ފެތުރޭ ދުވެލި ހަލުވިވެފައި ވިޔަސް، ޚަބަރާއި މައުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުން މާލީ ނިޒާމާއި މުޅި އިގުތިސާދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވިލާނޯޓިކާގައި މިއަދު ފެށި އޭޝިއާ މީޑިއާ ސަމިޓްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މާލީ ދާއިރާ އާއި މީޑިއާގެ ދާއިރާއަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާ ކަމަށެވެ.
މާލީ ނިޒާމަށް އޮންނަ އިތުބާރު މީޑިއާއާ ގުޅިފައިވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ މާލީ ނިޒާމަށް އޮންނަ އިތުބާރު ބޮޑުވުން ނުވަތަ އިތުބާރަށް ލޮޅުން އެރުން ބިނާވާނީ އާންމުންނާ ހަމައަށް ފޯރުކޮށްދޭ މައުލޫމާތުގެ ފެންވަރާއި ސައްހަކަމުގެ މައްޗަށް ކަމަށެވެ. އެއީ ހަމައެކަނި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް މުހިންމު ކަމެއް ނޫން ކަމަށާއި ސައްހަ ނޫން މައުލޫމާތުގެ ސަބަބުން ގައުމުގެ އިގުތިސާދުގެ ބިންގާ ކަމުގައިވާ ބައިނަލްއަގުވާމީ ގުޅުންތަކަށް ވެސް އަސަރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮރެސްޕޮންޑެންޓް ބޭންކިން ގުޅުންތަކާއި ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި، ތަރައްގީއަށް މަސައްކަތްކުރާ އިދާރާތަކާ އޮންނަ ގުޅުން ވެސް އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ހިމެނެ އެވެ.
މީޑިއާގެ ދައުރަކީ ނުހަނު ބޮޑު މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއްކަން ޝަރީފު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ޚަބަރުތަކާއި މައުލޫމާތު ވަގުތުން އަދި ސައްހަކަމާ އެކު ފެތުރުމަކީ އިތުބާރު ދެމެހެއްޓުމަށާއި ހަމަޖެހުން ގާއިމުކުރަން މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ.
"ހަގީގަތާ ހިލާފު މައުލޫމާތާއި ކަށަވަރުނުކޮށް ފަތުރާ ވާހަކަތަކުގެ ސަބަބުން، އެއްވެސް ބޭނުމެއްނެތް ނުތަނަވަސްކަން އުފެދި، އޭގެ ނޭދެވޭ އަސަރު އެންމެ މުއައްސަސާއަކަށް ކުރުމަށްވުރެ ބޮޑަށް މުޅި މުޖުތަމައަށް ފޯރުމުގެ ފުރުސަތު އޮވޭ،" ޝަރީފް ވިދާޅުވި އެވެ.
ޓެކްނޮލޮޖީގެ ސަބަބުން މުއާސަލާތީ ގުޅުންތަކަށް ހަލުވިކަން އައި ނަމަވެސް މައުލޫމާތުގެ ތެދުވެރިކަމާއި ފަންނީ އަހުލާގު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ކަމެއް ނޫނެވެ. އޭގެ ހަގީގީ މަގުސަދަކީ އެންމެން ބައިވެރިކުރުމާއި ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކުރުމާއި އިތުބާރު ގާއިމުކުރުމުގެ އިތުރުން އެމީހަކު ދިރިއުޅޭ ތަނަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްމެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.
ޕީއެސްއެމްއާއި އޭޝިއާ ޕެސިފިކް އިންސްޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް އިންތިޒާމްކޮށްގެން ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓަކީ ރާއްޖޭގައި މިހާތަނަށް ބައްވާ އެންމެ ފުރަތަމަ މީޑިއާ ސަމިޓެވެ.