އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް މީހުންނަށް ޕެންޝަން އެކައުންޓްގައި ހުރި ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން ޕެންޝަންގެ ގާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި އެ ބިލްގައިވާ ގޮތުން ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުން ކަމަށްވީ ނަމަވެސް ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ މީހުންނަށް އެ އުމުރު ހަމަނުވިޔަސް އެ ފައިސާ ނެގިދާނެ ކަމަށެވެ.

އެ ބިލްގައިވާ ގޮތުން ޓާމިނަލް އިލްނަސްގެ ހާލަތަކީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ. 

އެ ބިލްގައިވާ ގޮތުން އެފަދަ ހާލަތެއްގައިވާ މީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ވެސް ދޫކުރެވިދާނެ އެވެ.

އެ ބިލުގައި އެ ގާނޫނަށް އިތުރު ގިނަ ބަދަލުތަކެއް ގެންނަން ވެސް ހުށަހަޅާފައިވެ އެވެ. އެގޮތުން ޕެންޝަން ފަންޑުގައިވާ ފައިސާއިން ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރަން ދައްކަންޖެހޭ ޑައުންޕޭމަންޓް ދައްކަން ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ބަދަލުކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ޕެންޝަން ގާނޫނުގެ މިހާރު އޮތްގޮތުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ އިމާރާތްކޮށް ނިންމައި އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ފްލެޓްތައް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށެވެ. 

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބަައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ބިލު ފާސްކުރަން ނުފެންފަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. އަދި  ގޮތަކަށް ވޯޓު ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.