އިންޑިއާ އިން ހަކުރު އެސްކްޕޯޓްކުރުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަނާކޮށްފި އެވެ.
އެ ގައުމުގެ އެތެރޭގެ ބޭނުންތަކަށް އެކަށީގެންވާ ވަރަށް ސްޓޮކް ހިފެހެއްޓުމަށާއި އަގު ކޮންޓްރޯލް ކުރުމަށް އެޅި މި ފިޔަވަޅުގައި ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާގެ އިތުރުން ސީއެކްސްއެލް އަދި ޓެރިފް ރޭޓް ކޯޓާ (ޓީއާރްކިއު) ގައި ހިމެނޭ ގައުމުތައް ވަނީ އިސްތިސްނާކޮށްފަ އެވެ. އަދި ކުރިން ސަރުކާރުތަކާ އެކު ހަދާފައިވާ އެރޭންޖްމަންޓްތައް ހުރި ގައުމުތަަކަށް ވެސް އިސްތިސްނާ ލިބޭނެ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ހާއްސަ އެއްބަސްވުމަކީ ޓީއާރްކިއުއާ އެއްގޮތަށް މަސައްކަތްކުރާ އެރޭންޖްމަންޓަކަށް ވާތީ ރާއްޖެއަށް ހަކުރު އެކްސްޕޯޓްކުރުން މަނަލެއް ނުވާނެ އެވެ.
ހަކުރު (ރޯ ހަކުރު، ހުދު ހަކުރު އަދި ރިފައިންޑް ހަކުރު) އެކްސްޕޯޓް ކުރުމުގެ ސިޔާސަތަށް މިހާރުން މިހާރަށް އަމަލުކުރަން ފަށާގޮތަށް ބަދަލުގެނެސް، އެ ތަކެތި ބޭރުކުރުން 'ކޮންޓްރޯލް' ކޮށްފައިވާ ތަކެތީގެ ލިސްޓުން އުނިކޮށް 'މަނާ' ތަކެތީގެ ލިސްޓަށް ވަނީ ބަދަލުކޮށްފަ އެވެ.
މި ނިންމުމަށް އަމަލުކުރާނީ ސެޕްޓެމްބަރު 30 ގެ ނިޔަލަށް ނުވަތަ ވަކި ގޮތެއް އަންގަންދެން ކަމަށް ވެސް ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން އިއްޔެ ނެރުނު ނޯޓިފިކޭޝަނެއްގައި ބުނެފައިވެ އެވެ.
އިންޑިއާ ސަރުކާރުން، 2025-26 ވަނަ އަހަރުގެ ހަކުރު މާކެޓްކުރާ މުއްދަތުގައި (އޮކްޓޯބަރުން ސެޕްޓެމްބަރަށް) ފުޑް މިނިސްޓްރީން ފުރަތަމަ ހުއްދަ ދިނީ 1.5 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓް ކުރުމަށެވެ. އޭގެ ފަހުން އިތުރު 500,000 ޓަނު ބޭރުކުރުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް، އޭގެ ތެރެއިން ހުއްދަ ދީފައިވަނީ އެންމެ 87,587 ޓަނަށެވެ.
ފުޑް މިނިސްޓްރީ އާއި ހަކުރު އުފައްދާ ކާރުހާނާތަކުން ލަފާކޮށްފައިވަނީ 2025-26 ވަނަ އަހަރުގެ މުޅި މާކެޓިން މުއްދަތުގެ ތެރޭގައި އެކްސްޕޯޓް ކުރެވޭނީ 7.5 ލައްކަ އާއި 8 ލައްކަ ޓަނާ ދެމެދުގެ ހަކުރު ކަމަށެވެ.