ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވެންޓުންގެ ގޮތުގައި ހަމަޖައްސައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގުކުރައްވައިފި އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލް މިއަދު ފާސްވީ، ހާޒިރުވެވަޑައިގެން ތިއްބެވި 69 މެމްބަރުންގެ ތެރެއިން 59 މެންބަރުންގެ ވޯޓާއެކުގަ އެވެ.
އެ ގާނޫނަށް މި ފަހަރު ވަނީ މައިގަނޑު ދެ އިސްލާހެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުން ކަމުގައި ހަމަޖެއްސުމާއި ކުނި މެނޭޖުކުރުން ކައުންސިލްތަކަށް ލާޒިމްކުރުން ހިމެނެ އެވެ.
އެލްޖީއޭ ހިންގުން ހަރުދަނާކުރަން ގެންނަ އިސްލާހުތަކުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުމާއި މުވައްޒަފުންނާ ގުޅޭ އެހެން ކަންކަމުގައި ވެސް ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ ސީއީއޯ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތީން، މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވާލައި ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި ފާސްކުރަންޖެހެ އެވެ.
ގާނޫނު މިހާރު އޮތް ގޮތުން އެލްޖީއޭގެ އިދާރީ މުވައްޒަފުންނަކީ އެލްޖީއޭގެ ސީއީއޯގެ ލަފައާ އެކު އެ އޮތޯރިޓީގެ ބޯޑުން އައްޔަންކުރާ ބައެކެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އޮނިގަނޑު އެކުލަވާލައި ފާސްކުރަން ސީއެސްސީއަށް ހުށަހަޅަންޖެހެ އެވެ. އަދި 15 ދުވަހުގެ ތެރޭގައި އޮނިގަނޑު ފާސްކުރުމަށް އަދި އެ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅައި ނިންމަންވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ރަށްރަށާއި ސިޓީތަކުގައި ކައުންސިލްތަކުން ދިނުމަށް ގާނޫނުން މިހާރު ލާޒިމްކޮށްފައިވަނީ ކަރަންޓާއި ފެނާއި ފާހާނާ އަދި ނަރުދަމާގެ ހިދުމަތެވެ. އެ ލިސްޓަށް އަލަށް އިތުރުކުރީ ކުނި މެނޭޖުކުރުމުގެ ހިދުމަތެވެ.