ބޭހުގެ މައްސަލަ ހައްލުކުރަން މިދިޔަ އަހަރު އުފެއްދި އާ ކުންފުނީގެ ފުރަތަމަ ފާމަސީ މިއަދު ހުޅުވައިފި އެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނީގެ ބޭސް ފިހާރަ، އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ހުޅުވައިދެއްވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރެވެ. 

ސްޓޭޓް ފާމަސޫޓިކަލް އިން ނެރުނު ބަޔާނެއްގައި ބުނީ މެދުކެނޑުމެއް ނެތި ބޭސް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ފާމަސީން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ. އެހެންވެ، އެއީ އާއްމުންނަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ހާސިލްކުރި މުހިއްމު ކަމެއް ކަމަށް ބުންޏެވެ.

ސްޓޭޓް ފާމާގެ ފުރަތަމަ ބޭސް ފިހާރަ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް (ކ) އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މިއަދު ހުޅުވައިދެއްވަނީ. މި ފާމަސީ ހުންނާނީ ކުރިން ލައިފް ސަޕޯޓު ފާމަސީ ހިންގި ތަނުގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސްޓޭޓް ފާމަސީގެ ފުރަތަމަ ފިހާރައިން އާއްމުކޮށް ވިއްކާ ބޭސްތައް ލިބުމާއި ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި ރާއްޖެއިން ނުލިބޭ ބޭސްތައް ބޭރުން ހޯދައި އާއްމުންނަށް ފޯރުކޮށްދިނުމަކީ ވެސް ކުރާނެ ކަމެކެވެ. 

ސްޓޭޓް ފާމާގެ ފުރަތަމަ ބޭސް ފިހާރައިގައި ފާމަސިސްޓުންތަކެއް މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ސްޓޭޓް ފާމާގެ ފުރަތަމަ ބޭސް ފިހާރައިގައި ފާމަސިސްޓުންތަކެއް މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭގެ އިތުރުން، އައިޖީއެމްއެޗްގައި އެޑްމިޓު ކޮށްގެން ފަރުވާދޭ މީހުންނަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ވެސް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.

ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް މިހާތަނަށް ގެންނަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް، ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ސްޓޭޓް ފާމާ އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެކަމަކު، އެ ކުންފުނީގެ ދަށަށް ހުރިހާ މަސައްކަތެއް ބަދަލުވާނީ އަންނަ ޖުލައި އެކަކުން ފެށިގެންނެވެ. މި މުއްދަތުގެ ތެރޭގައި، އެސްޓީއޯގެ ހުރިހާ ފާމަސީއެއް ވެސް އާ ކުންފުނީގެ ދަށަށް ބަދަލުކުރާނެ އެވެ.