ރާއްޖެ އިން ބޭރުން ގެންނަން އެދި ބޭސް ސިޓީ ހުށަހަޅާތާ ގިނަވެގެން ދެ ހަފުތާ ތެރޭގައި ގެނެސް އަދި އިމަޖެންސީ ހާލަތެއް ނަމަ 24 ގަޑިއިރުގެ ތެރޭގައި އެ މީހަކަށް ފޯރުކޮށްދޭނެ ކަމަށް ބޭހުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އުފެއްދި ކުންފުނި، ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އުފެއްދި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން ޝާހު "މިހާރު"އަށް ވިދާޅުވީ މީގެ ކުރިން ބޭހުގެ މައްސަލައެއް ދިމާވެއްޖެ ނަމަ، އެ ޝަކުވާތަކާ އެކު ދާނެ ވަކި ހާއްސަ ތަނެއް ނޭނގޭ ކަމަށެވެ. އެކަމަކު، އެފަދަ މައްސަލަތަކުގައި މިހާރު ހައްލު ހޯދައިދޭނީ އެ ކުންފުނިން ކަން އޭނާ ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެން ދެ ހަފުތާގެ ތެރޭގައި އެ ބޭސް، ވަރަށް ދެން އުނދަގޫ ބޭހެއް ނޫނިއްޔާ ގެނެސްދޭނަން. މިހާތަނަށް އަޅުގަނޑުމެން ދެ ތިން ދުވަހުގެ ތެރޭގައި ވެސް ހުންނާނެ [ރާއްޖެއިން ބޭރުން] ބޭސް ގެނެސްދީފައި އަޅުގަނޑުމެންނާ ހަމައަށް ޕްރެސްކްރިޕްޝަން އަންނަތާ.
ސްޓޭޓް ފާމާއިން ވަނީ ބޭސް ސިޓީ ފޮނުވަން ޕޯޓަލްއަކާއި އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމާއި ޝަކުވާ ހުށަހަޅަން 1505 ގެ ނަމްބަރުގައި ހޮޓްލައިނެއް ވެސް ގާއިމްކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭސް ނުލިބިގެން އުޅެން ޖެހުމުގެ ކަންބޮޑުވުމަށް އެ ކުންފުނިން ހައްލު ހޯދައިދޭނެ އެވެ. އެކަމަށް ކުންފުނި ތައްޔާރުވަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ފާމަސީތައް އެސްޓަބްލިޝްވީމަ ހަމަ ކައުންޓަރުން ވެސް ބޭސް ސިޓީ ބަލައިގަންނާނެ. ބޭސް ސިޓީ ބަލައިގަނެ، އެ ނުލިބޭ ބޭސް ހޯދުމުގެ މަސައްކަތް އޭރަށް އަޅުގަނޑުމެން ކޮށްދޭނަން. މިހާރު އަންނަ އެއް ޝަކުވާއަކީ ވަރަށް އުނދަގުލޭ މިހާރު އިންނަ ވިރަ ޕޯޓަލް އިން އެޕްރޫވް ވެގެން ވާނުވާ ނޭނގެއޭ އެތައް ދުވަހެއް ވާއިރު ވެސް ބޭސް ލިބޭނެ ކަމެއް، ނުލިބޭނެ ކަމެއް، އެ ޔަގީންކަމެއް ނެތޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެއްވެސް ތަނަކުން ބޭސް ނުލިބޭ ނަމަ ބޭރުން ވެސް ބޭސް ގެނެސްދޭނެ ކަމަށާއި އެގޮތަށް މަދުވެގެން ދެތިން ދުވަސް ތެރޭގައި ވެސް އެ ކުންފުނިން ބޭސް އެތެރެކޮށްދީފައިވާ ކަމަށް، އެމްއެފްޑީއޭ ހިންގުމުގައި ވެސް ކުރިން ވެސް މަސައްކަތް ކުރެއްވި ޝާހު ވިދާޅުވި އެވެ.
އެ ކުންފުނިން އިއްޔެ ވަނީ މާލެ އިން ނުލިބުނު ބޭހެއްގެ ސްޓޮކް ހުރި ކ. ތުލުސްދޫން ގެނެސްދީ، އެ ބޭނުންވާ މީހާއަށް ފޯރުކޮށްދީފަ އެވެ.
ޝާހު ވަނީ ދިގު މުއްދަތަށް ބޭސް ކާ މީހުން، ބޭސް ހުސްވުމުގެ ކުރިން ބޭސް ސިޓީ ފޮނުވައިދިނުމަށް އެދިވަޑައިގެންފަ އެވެ. އޭރުން، ގިނަ ވެގެން ދެ ހަފުތާ ތެރޭގައި ބޭސް ގެނެސްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އިމަޖެންސީ ހާލަތެއް ނަމަ 24 ގަޑިއިރުގެ ތެރޭގައި ބޭސް ގެނެސްދޭނެ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.
"އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޓާގެޓު ވަރަށް ކުރުވާނެ. ބޭސް ސިޓީ ލިބި އޭގެ އެޕްރޫވަލް ލިބި. އަޅުގަނޑުމެން މަސައްކަތްކުރަނީ ބެކްއެންޑުގައި އެންސްޕާއާ އާސަންދައާއެކު،" އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ބޭސް ނޫނީ މެޑިކަލް ކޮންސިއުމަބަލްސް ހޯދަން އާސަންދަ/އެންސްޕާގެ އެޕްރޫވަލް ލިބެންދެން މަޑުނުކުރާނެ ކަމަށެވެ. އެ ޝަކުވާއެއް ލިބޭ ހިސާބުން މަސައްކަތް ފަށާނެކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ދެ ހަފުތާގެ ތެރޭގައި އެ ބޭސް، ވަރަށް ދެން އުނދަގޫ ބޭހެއް ނޫނިއްޔާ. މިހާތަނަށް އަޅުގަނޑުމެން ދެ ތިން ދުވަހުގެ ތެރޭގައި ވެސް ހުންނާނެ [ރާއްޖެއިން ބޭރުން] ބޭސް ގެނެސްދީފައި އަޅުގަނޑުމެންނާ ހަމައަށް ޕްރެސްކްރިޕްޝަން އަންނަތާ،" އޭނާ ވިދާޅުވި އެވެ.