ޑްރޯން ބޭނުންކޮށްގެން ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޕައިލެޓު ޕްރޮޖެކްޓު ފަށާނެ ކަމަށް ސްޓޭޓް ފާމާއިން އިއްޔެ ބުނެފި އެވެ.
އެ ކުންފުނިން ބޭސް ރައްކާކުރާ މައި ގުދަން މީޑިއާތަކަށް ދައްކާލުމަށް ފަހު، ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން އެއް ތަނުން އަނެއް ތަނަށް ބޭސް ފޮނުވުމުގެ ޕައިލެޓް ޕްރޮޖެކްޓު ފަށާނެ ކަމަށެވެ. އޭގެ ފަހުން، ރާއްޖޭގެ ބޮޑު ބަޔަކަށް ބޭސް ފޮނުވާނެ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
ޑްރޯން މެދުވެރިކޮށް ބޭސް ފޮނުވުމަކީ ކުރީގެ ސަރުކާރުގެ ވެސް ވިސްނުމެކެވެ. އެކަމަށް ބޭނުންވާ ޑްރޯން ހޯދައި އޭގެ ޓެސްޓު ދަތުރު ވެސް އޭރު ބޭއްވި އެވެ. އަދި މި ސަރުކާރުން ވެސް ވަނީ ޑްރޯންގެ އެހީގައި ބޭސް ފޮނުވަން ފަށަން އެކި ތާރީހުތައް ދީފަ އެވެ. އެކަމަކު، އެ މުއްދަތުތައް ފަހަނައަޅައި ދިޔައިރު ވެސް އެކަމެއް އަދި ނުފެށެ އެވެ.
ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން އިމާދު ވިދާޅުވީ ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބުން ލަސްވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ރާއްޖެއިން ނުލިބޭ ގިނަ ބޭސްތައް މުއްދަތުގެ ތެރޭގައި މިހާރު ބޭރުން ގެނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަޕްލައި ޗެއިންއާ ހަވާލުވެފައި ގޮންޖެހުންތައް އެބަހުރި ކުރިން. މިހާރު ސްޓޭބަލް ކުރެވިފައި މި ހުރީ. މި ވަގުތު މަސައްކަތް ކުރަނީ ދީފައި އިން ޓައިމް، ދެ ހަފުތާގެ ތެރޭގައި ޓާގެޓަށް ވޯކް ކުރަން،" އިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެސްޓީއޯއިން ހިންގަމުން ދިޔަ ހުރިހާ ފާމަސީތަކެއް މިދިޔަ ޖުލައި 1 އިން ފެށިގެން އާ ކުންފުންޏަށް ބަދަލުކޮށް، އުއްމީދުކުރި ވަރަށް ވުރެ ރަނގަޅަށް އެކަން ގެންދެވުނު ކަމަށެވެ. އެއަށް ފަހު، ސަމާލުކަން ދިނީ ބޭހުގެ ސްޓޮކް ދެނެގަތުމަށް ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ގިނަ ބޭސްތަކެއް މިދިޔަ ހަފުތާގައި ވެސް ގެނެސްފައިވާ ކަމަށެވެ. މި މަސް ނިމުމުމުގެ ކުރިން އިތުރު ބޭސްތައް ގުދަން ކުރެވޭނެ ކަން ފާހަގަކުރެއްވި އެވެ.
ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހުމަދު ޒިޔާއު ސައީދު ވިދާޅުވީ އާއްމުންނަށް ފަސޭހައިން ބޭސް ލިބޭނެ ގޮތްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޮންލައިންކޮށް ހުށަހެޅުން ހިމެނޭހެން އަންނަ އަހަރު އިތުރަށް ފުޅާކުރުމުގެ ޕްލޭންތައް އެބަހުރި ކަމަށް ޒިޔާއު ވިދާޅުވި އެވެ.