ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް، ސްޓޭޓް ފާމާ އަށް ވަގުތުން ބެލޭނެ ގޮތް ހަމަޖައްސައިފި އެވެ.

އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ހުރިހާ ފާމަސީތަކެއް ގުޅުވައިލުމުން، އެ ތަންތަނުގައި ހުރި ބޭސްތައް ފަސޭހައިން ބެލޭނެ ކަމަށެވެ. އޭގެ ސަބަބުން، ހުސްވާ ބޭސްތައް ރާއްޖެ އަށް ގެނެސް، އެ ފާމަސީތަކަށް އަވަހަށް ފޮނުވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އާއްމުންނަށް ބޭހުގެ ސްޓޮކް ބެލޭނެ ސިސްޓަމް ވެސް ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ހަދައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭހުގެ ނަން ސާޗުކުރީމަ ނޫނީ ބޭސް ސިޓީ އަޕްލޯޑުކުރީމާ އެ ބޭސް ލިބެން ހުރި ތަނެއް، އަގާ އެކީގައި އެނގޭނެ ގޮތަށް މި ހަދަނީ،" އޮފިޝަލް ވިދާޅުވި އެވެ. 

ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ކުރިން ވިދާޅުވި ގޮތުގައި، ބޭހުގެ މައްސަލަ ދިމާވި އެއް ސަބަބަކީ ފާމަސީތަކުގައި ހުރި ސްޓޮކް ނޭނގުމެވެ.

ޝާހު ވިދާޅުވީ އެ ސިސްޓަމް ރަނގަޅަށް ހިނގައިގަންނަން ފެށުމުން ރާއްޖެއަށް ބޭނުންވާ ބޭސް ހޯދަން ދުރާލައި ލަފާކުރަން ފަސޭހަވާނެ ކަމަށާއި އެއީ ކޮން ވައްތަރެއްގެ އަދި ކިހާ ބޭހެއްކަން އެނގުމުން ބަލްކު ފޯކާސްޓުކޮށް ކުއަންޓިޓީކޮށް ހޯދަން ފަސޭހަވާނެ ކަމަށެވެ.

ރާއްޖެއަށް މީގެ ކުރިން ބޭސް އެތެރެކުރަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް، ބޭހުގެ މައްސަލަ ހައްލުކުރަން މިދިޔަ ސެޕްޓެމްބަރު މަހު އާ ކުންފުންޏެއް އުފައްދައި، އެ ތަނުގެ ދަށަށް މިދިޔަ ޖުލައި މަހު ހުރިހާ ފާމަސީތަކެއް ވަނީ ބަދަލުކޮށްފަ އެވެ.