ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް އޮތުން މުހިއްމު ކަމަށާއި ޕްރައިވެޓް ސެކްޓަރާ އެކު މި މައްސަލަ ހައްލުކުރެވޭނެ ކަމަށް ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވީ އާސަންދަ ނިޒާމުގެ ތެރެއިން ދިވެހިންނަށް ބޭސް ފަރުވާ ފޯރުކޮށްދޭއިރު، އެ ކަހަލަ ލޭންޑްސްކޭޕެއް އޮތް ތަނެއްގައި ބޭހުގެ ކޮންޓްރޯލް އޮތުން މުހިއްމު ކަމަށެވެ. 

ރާއްޖެ އަށް ބޭނުންވާ ގިނަ ބޭސްތައް ގެންނަނީ އެސްޓީއޯ އަދި އަމިއްލަ ފަރާތްތަކުންނެވެ. ނަމަވެސް، އެ ގެނައުމުގައި އެއްވެސް ބައެއްގެ އަތުގައި މެޖޯރިޓީއެއް ނެތެވެ. 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރަން އަމިއްލަ ފަރާތްތަކާ އެކު މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. 

ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު، ޑރ. ޝާހު، މިދިޔަ ހަފުތާގައި "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު، ޑރ. ޝާހު، މިދިޔަ ހަފުތާގައި "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"...ޕްރައިވެޓް ސެކްޓާގައި ވެސް ހުރީ ކޮން ބޭހެއްތޯ ނެތީ ކޮން ބޭހެއްތޯ އެނގޭ އިރަށް އެ ހުރި ބޭހެއް ކޮންމެހެން ގެނައުމުގެ ބޭނުމެއް ނެތްތާ ސަރުކާރަކުން ވެސް. މާކެޓު އެންމެންނާ ގުޅިގެން ވިޔަފާރި އުސޫލުން ވެސް ކުރެވޭނެ މި ކަންތައް،" ޝާހު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ އެންމެންނާ ގުޅިގެން އެންމެން ގުޅިގެން މިކަން ސްޓްރީމްލައިންކުރުން. ކޮށްފައި ރާއްޖެއަށް ބޭނުންވާ ބޭސްތައް ކޮންމެ ވަގުތަކު ވެސް އެވެއިލަބްލް ވާ މިންވަރަކަށް ބެހެއްޓުން."

ޝާހު ވިދާޅުވި ގޮތުގައި، ދުނިޔޭގައި އުފައްދާ ހުރިހާ ބޭހެއް އެތެރެކުރުމަކީ ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ފީސިބަލް ކަމެއް ނޫނެވެ

"އޭގެ ވޭސްޓޭޖް ވެސް ވަރަށް ހައިވާނެ. އެހެން ނަމަވެސް، އަވަހަށް ބޭހެއް ބޭނުން ވަންޏާ ރައްޔިތުންނަށް އަވަހަށް އެ ލިބޭނެ ނިޒާމު މި ތައްޔާރުކުރަނީ މިހާރު." އޭނާ ވިދާޅުވި އެވެ. 

ސްޓޭޓް ފާމާގެ އޮފީސް.-- ފޮޓޯ: ޔޫސުފް ސޮފްވާން/ މިހާރު
ސްޓޭޓް ފާމާގެ އޮފީސް.-- ފޮޓޯ: ޔޫސުފް ސޮފްވާން/ މިހާރު

ޝާހު ވިދާޅުވީ ދުނިޔޭގައި ބޭސް އުފައްދާ ނަމަ ރާއްޖެއިން ނުލިބެންވީ ސަބަބެއް ނެތެވެ. ނަމަވެސް، އެކަން ކުރުމުގައި ވެސް ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ކުންފުނީގެ މަސައްކަތްތައް ފަށައި މިހާރު ވަނީ ބޭސް އެތެރެކުރަން ފަށައިފަ އެވެ. އަދި ރާއްޖޭގެ މާކެޓުން ނުލިބޭ ބޭސްތަކަށް ހާއްސަކޮށްގެން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ޝާހު ވިދާޅުވި އެވެ. 

އޭނާ ވަނީ ރާއްޖެއަށް ބޭނުންވާ ބޭސް ހޯދުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ބޭހުގެ އަދަދު މަދުވުމާއި ޑިސްޓްރިބިއުޝަން ޗެއިންގައި މައްސަލަ ހުރުން އަދި ރާއްޖޭގައި ލިބެން ހުރި ބޭހުގެ ސްޓޮކް ނޭނގުމަކީ ވެސް، ގޮންޖެހުމެއް ކަމަށް ޝާހު ވިދާޅުވި އެވެ.

އެހެންވެ، ސްޓޭޓް ފާމާއިން މިހާރު އަންނަނީ ރާއްޖޭގައި ލިބެން ހުރި ބޭސްތައް ބެލޭނެ ނިޒާމެއް ގާއިމްކުރަމުންނެވެ.