ރާއްޖެއަށް ބޭސް އެތެރެކުރަން ދުނިޔޭގެ މަޝްހޫރު ކުންފުންޏަކާ އެކު، ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން މިއަދު ސޮއިކޮށްފި އެވެ. 

ސްޓޭޓް ފާމާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ހަވާލުކުރީ ހެލްތުކެއާ ފާމަސޫޓިކަލް ލިމިޓެޑް (އެޗްޕީއެލް) ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އެ އެއްބަސްވުމުން ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިވުމާއި ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.

"މީގެ ސަބަބުން މި ކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް ހަރުދަނާވެގެންދާނެ. އަދި މިއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް މި ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް،" ރާއްޖޭގެ ބޭހުގެ މައްސަލަ ހައްލުކުރަން އުފެއްދި ކުންފުނިން ބުންޏެވެ. 

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ އެގްރިމެންޓުގައި ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު އަދި އެޗްޕީއެލްގެ އިސްވެރިއަކު މިއަދު ސޮއިކުރައްވަނީ.-- ފޮޓޯ: ސްޓޭޓް ފާމާ
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ އެގްރިމެންޓުގައި ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު އަދި އެޗްޕީއެލްގެ އިސްވެރިއަކު މިއަދު ސޮއިކުރައްވަނީ.-- ފޮޓޯ: ސްޓޭޓް ފާމާ

މީގެ 30 އަހަރު ކުރިން ބަންގްލަދޭޝްގައި އުފެއްދި އެޗްޕީއެލް ވަނީ ބައިނަލްއަގުވާމީ ފާމަސޫޓިކަލް ރެގިއުލޭޓުކުރާ އިދާރާތަކުން ސެޓިފައިކޮށްފަ އެވެ. އޭގެ ތެރޭގައި އީޔޫ، އޮސްޓްރޭލިއާ އަދި މެލޭޝިޔާ ފަދަ ގައުމުތައް ހިމެނެ އެވެ.

އެ ކުންފުނިން މިހާރު ވެސް އެކި ބައްރުތަކުން 32 އަށް ވުރެ ގިނަ ގައުމަށް ބޭސް އެކްސްޕޯޓުކުރެ އެވެ.

ބޭސް ލިބުމުގެ ދަތިކަން ހައްލުކުރަން ސްޓޭޓް ފާމާއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާއާ އެކު ސްޓޭޓް ފާމާއިން ވަނީ މިދިޔަ ހަފުތާގައި މަޝްވަރާތައް ވެސް ބާއްވައިފަ އެވެ.