ރާއްޖެ އަށް ބޭނުންވާ ވެކްސިނާއި ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށް، ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއާ އެކު ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން މިއަދު މަޝްވަރާކޮށްފި އެވެ.
ސްޓޭޓް ފާމާގެ ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެ އަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާ އެކު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ.
ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓަ އޮފް އިންޓަނޭޝަނަލް ބިޒްނަސް ސަންދީޕް މުލޭ ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި އެ ބައްދަލުވުމުގައި،ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމާއި ކުރިމަގުގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އދ. ގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ކުންފުންޏެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ފެންވަރު ރަނގަޅު ވެކްސިން އެ ކުންފުނިން އުފައްދާ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.
ސްޓޭޓް ފާމާ އިން ބުނީ އެ ބައްދަލުވުމަކީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފުންނާބުއުސް ފާމަސޫޓިކަލް ކުންފުނިތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ އާންމުންނަށް ބޭނުންވާ ފެންވަރު ރަނގަޅު، ރައްކާތެރި ބޭހާއި ވެކްސިން ދަތިކަމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރާއްޖެ އަށް ބޭސް އެތެރެކުރަން ދުނިޔޭގެ މަޝްހޫރު ކުންފުންޏަކާ އެކު ސްޓޭޓް ފާމާއިން މިދިޔަ ހަފުތާގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާ އެކު ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ހަވާލުކުރީ ހެލްތުކެއާ ފާމަސޫޓިކަލް ލިމިޓެޑް (އެޗްޕީއެލް) ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
މީގެ 30 އަހަރު ކުރިން ބަންގްލަދޭޝްގައި އުފެއްދި އެޗްޕީއެލްއަކީ ބައިނަލްއަގުވާމީ ފާމަސޫޓިކަލް ރެގިއުލޭޓުކުރާ އިދާރާތަކުން ސެޓިފައިކޮށްފައިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި އީޔޫ، އޮސްޓްރޭލިއާ އަދި މެލޭޝިޔާ ފަދަ ގައުމުތައް ހިމެނެ އެވެ.