އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ރާއްޖެ އަށް އެތެެރެކުރުން މަނާ ތަކެތީގެ ލިސްޓުން މިތައިލް ފެނިޑޭޓް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ. 

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށްވާ މެތައިލްފެނިޑޭޓް ބޭސް ރާއްޖޭގައި މަނާކޮށްފައި އޮތުމުން އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއާ ގުޅިގެން މަޖިލީހަށް ރައީސް އޮފީހުން ދިން ޖަވާބުގައި ވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކެބިނެޓުން މުހިންމު ނިންމުމެއް ނިންމާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެ ކަންބޮޑުވުމާ ގުޅިގެން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފައާ މެދު ކެބިނެޓްގައި މަޝްވަރާ ކުރުމަށް ފަހު، ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން މެތައިލްފެނިޑޭޓް އުނިކުރަން މިދިޔަ މަހު ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

ކެބިނެޓްގެ އެ ނިންމުމާ އެއްގޮތަށް އެ ލިސްޓަށް ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ރުހުން ބޭނުންވާތީ އެކަމުގައި މަޖިލީހުން ނިންމާ ގޮތެއް ނިންމެވުމަށް ރައީސް މުއިއްޒުގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވެ އެވެ.

އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ އެ ބޭސް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ.

މިތައިލްފެނިޑޭޓް ރާއްޖެއަށް އެތެރެ ނުކުރެވެނީ އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނާ ލިސްޓްގައި ކަނޑައަޅާފައިވާތީ އެވެ.

މިތައިލްފެނިޑޭޓްއަކީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރިޓްމެންޓެއްގެ ގޮތުގައި ބޭނުންކުރަން ސައިންޓިފިކަލީ ރަނގަޅު ބޭހެކެވެ. ނަމަވެސް، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި އެ ބޭސް ހިމަނާފައިވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުގަ އެވެ. އަދި ދެވަނަ ޖަދުވަލުގައި ހިމަނާފައިވަނީ ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެއްޗެވެ.

އެ ލިސްޓުން އެ ބޭސް އުނިކޮށްދޭން އެމްއެފްޑީއޭ އިން ވެސް މިދިޔަ އަހަރު މަޖިލީހުގައި އެދިފައިވެ އެވެ