ސްކޭމްތަކާ ދެކޮޅަށް ހިންގާ ބައިނަލްއަގުވާމީ ހަރަކާތް "އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"ގެ ތިންވަނަ އޮޕަރޭޝަން ނިންމާލައި، ނަތީޖާ މިއަދު ހާމަކޮށްފި އެވެ. 

ޖުމްލަ 14 ގައުމަކުން ބައިވެރިވާ މި ހަރަކާތުގެ ތިންވަނަ އޮޕަރޭޝަންގެ ނަތީޖާތައް ނޫސްވެރިންނާ ހިއްސާކުރުމުގެ ގޮތުން މިއަދު ހެނދުނު ކްރޮސްރޯޑްސްގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި އިންސްޕެކްޓަ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ގިނަ ގައުމުތަކެއް ގުޅިގެން ހިންގާ މި ހަރަކާތަކީ ސްކޭމްތައް މަދުކުރުމަށާއި އެކަން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. 

އޭނާ ވިދާޅުވީ މި އަހަރު މި ހަރަކާތުގެ ދަށުން 10 ގައުމަކުން ޕްރޯ އެކްޓީވް އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށާއި މެމްބަރު އެހެން ގައުމުތަކުން އިންޓެލިޖެންސް ފޯރުކޮށްދިނުމުގައި އެހީތެރިވެފައިވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތްތަކަކީ ގުޅިގެން އެކުގައި މަސައްކަތްކޮށް، ސްކޭމް ހިންގަން ބޭނުންކުރާ އެކައުންޓުތައް ހުއްޓުވައި، އެކަން ކުރާ މީހުންނާ ސުވާލުކޮށް، އެ މީހުން ހައްޔަރުކޮށް އަދި ގައުމުތަކުގެ މެދުގައި އިންޓެލިޖެންސް ވަގުތުން ބަދަލުކުރުން،" ނަވީދު ވިދާޅުވި އެވެ.

"އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"ގެ ތިންވަނަ އޮޕަރޭޝަންގެ ނަތީޖާ ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ޕޮލިސް އިންސްޕެކްޓަރު އާދަމް ނަވީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"ގެ ތިންވަނަ އޮޕަރޭޝަންގެ ނަތީޖާ ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ޕޮލިސް އިންސްޕެކްޓަރު އާދަމް ނަވީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިދިޔަ މަހު 10 އިން މި މަހު ހަތެއްގެ ނިޔަލަށް ހިންގި މި އޮޕަރޭޝަންގައި ބައިވެރިވި ގައުމުތަކުން ވަނީ މި ހަރަކާތުގެ ދަށުން ތަހުގީގުކުރި ބައެއް ކޭސްތަކާ ގުޅޭ މައުލޫމާތު ވެސް މީޑިއާއާ ހިއްސާކޮށްފަ އެވެ. 

ރާއްޖޭގައި ތަހުގީގުކުރި މައްސަލަތަކުގެ ތަފުސީލް
  • މި ހަރަކާތުގެ ދަށުން ސްކޭމްއާ ގުޅޭ 349 މައްސަލައެއް ތަހުގީގުކޮށްފައިވޭ
  • އެ މައްސަލަތަކުގައި 4.02 މިލިއަން ރުފިޔާ ގެއްލިފައިވޭ
  • އޭގެ ތެރެއިން 1.2 މިލިއަން ރުފިޔާ ވަނީ ރިކަވާކޮށްފައިވޭ
  • އެންމެ ގިނައީ އޮންލައިން ވިޔަފާރިއާ ގުޅޭ ސްކޭމްތައް
  • ސްކޭމްތަކާ ގުޅޭ 664 ބޭންކް އެކައުންޓެއް މައްސަލަ ރިޕޯޓްކުރިތާ 48 ގަޑިއިރުގެ ތެރޭގައި ފްރީޒްކޮށްފައިވޭ
  • ކޯޓު އަމުރުގެ ދަށުން 158 ބޭންކް އެކައުންޓެއް ފްރީޒްކޮށްފައިވޭ
"އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"ގެ ތިންވަނަ އޮޕަރޭޝަންގެ ނަތީޖާ ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މެލޭޝިއާގެ ފުލުހުންގެ އިސްވެރިޔަކު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"ގެ ތިންވަނަ އޮޕަރޭޝަންގެ ނަތީޖާ ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މެލޭޝިއާގެ ފުލުހުންގެ އިސްވެރިޔަކު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ އޮޕަރޭޝަން "އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެކެވެ.

މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ މި ބޮޑު އޮޕަރޭޝަން ބޭއްވި ތިން ވަނަ ފަހަރެވެ. 

"ފްރޮންޓިއާ ޕްލަސް" އަކީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށް، އެކި ގައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެކެވެ. މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނީޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ޔޫއޭއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ.

"އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"ގެ ތިންވަނަ އޮޕަރޭޝަންގެ ނަތީޖާ ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ސިންގަޕޫރުގެ ފުލުހުންގެ އިސްވެރިޔަކު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"ގެ ތިންވަނަ އޮޕަރޭޝަންގެ ނަތީޖާ ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ސިންގަޕޫރުގެ ފުލުހުންގެ އިސްވެރިޔަކު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުން ބުނި ގޮތުގައި، މި އެލަޔަންސްގެ މައިގަނޑު އަމާޒަކީ ރިއަލް-ޓައިމްކޮށް މައުލޫމާތު ހިއްސާކުރުމާއި ސްކޭމް ހިންގާ ވިއުގަތައް ނައްތާލުމަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމެވެ. މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ؛

  • ވަގުތުން ފިޔަވަޅު އެޅުމާއި ޝައްކުކުރެވޭ ބެންކު އެކައުންޓްތަކާއި މަނީ މިއުލްސް ދެނެގަނެ ފައިސާގެ މުއާމަލާތްތައް ވަގުތުން ހުއްޓުވުން
  • އިންޓެލިޖެންސް ހިއްސާކުރުމާއި އަލަށް އުފެދޭ ސްކޭމް އުކުޅުތަކާއި ނެޓްވޯކްތަކުގެ މައުލޫމާތު ގައުމުތަކުގެ މެދުގައި ރިއަލް-ޓައިމްކޮށް ބަދަލުކުރުން 
  • ޑޭޓާގެ އަލީގައި މަސައްކަތްކުރުމާއި ސްކޭމްތަކުގެ ފަރުމާ ދެނެގަތުމާއި ކުށްވެރިންގެ އުކުޅުތައް ދިރާސާކޮށް ފައިސާ އަނބުރާ ހޯދޭނެ ފުރުސަތުތައް ފަހިކުރުން
  • ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގޭ ތަހުގީގުތައް ހަރުދަނާކޮށް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން
"އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"ގެ ތިންވަނަ އޮޕަރޭޝަންގެ ނަތީޖާ ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި އެކި ގައުމުތަކުގެ ފުލުހުންގެ އިސްވެރިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް"ގެ ތިންވަނަ އޮޕަރޭޝަންގެ ނަތީޖާ ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި އެކި ގައުމުތަކުގެ ފުލުހުންގެ އިސްވެރިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އޮޕަރޭޝަންގެ ދަށުން އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިން އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދެ އެވެ. 

ފުލުހުން ބުނީ މިދިޔަ އަހަރު ވެސް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައި ކަމަށެވެ.