ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުސްވި މަގާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޝަންގައި، ރައީސްގެ މެމްބަރަކަށް ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމުން، އަލަށް އައްޔަންކުރެއްވީ ދަފްތަރު ނަމްބަރު 535، އަލީ ނަސީރު ގާސިމް ކަމަށެވެ. 

ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ނަސީރު ވަނީ ޕޮލިސް ބޯޑުގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އޭގެ އިތުރުން ސިޓީ ކައުންސިލްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، 2019 ވަނަ އަހަރުން ފެށިގެން އެ އިދާރާގެ ލީގަލް ކައުންސެލްކަން ފުރުއްވާފައިވެ އެވެ.

ނަސީރަށް ޖޭއެސްސީ މެމްބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. 

ޖޭއެސްސީގެ މެމްބަރަކަށް ޔަޒްމީދު އައްޔަން ކުރެއްވީ ފެބުރުއަރީ 23، 2025 ގަ އެވެ. އެކަމަކު، އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް މި ފަހުން ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވަނިކޮށް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ އޯޑިއޯގައި މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދޭން އެދޭ އަޑު އިވެ އެވެ. 

ފަނޑިޔާރުން އައްޔަންކުރުމާއި ސުލޫކީ މައްސަލަތައް ބަލާ ކޮމިޝަންގައި ތިއްބަވަނީ އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.