ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) "މިހާރު" އަށް ވިދާޅުވި ގޮތުގައި ޔަޒްމީދު އިސްތިއުފާ ދެއްވައި، ރައީސް އޮފީހަށް އެކަން އަންގާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ޔަޒްމީދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރާ މެންބަރުގެ ގޮތުން ޖޭއެސްސީގައި އިންނެވި ބޭފުޅެކެވެ. ޔަޒްމީދު ޖޭއެސްސީގެ މެމްބަރަކަށް އައްޔަންކުރެއްވީ ފެބުރުއަރީ 23، 2025 ގަ އެވެ.
އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން ރައީސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ. ރައީސް އެ ބަދަލު ގެންނެވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.
ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް މިފަހުން ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވެ އެވެ. އެ އޯޑިއޯގައި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދޭން އެދޭ އަޑު އިވެ އެވެ.
އަދި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފަރާތްތަކެއްގެ މައްސަލަ ޕީޖީއާ ހަމައަށް ނުގޮސް ނިމިދާނެ ކަމަށް ބުނާ އަޑު ވެސް އިވެ އެވެ.