ރޭގެ ބައްދަލުވުމުގައި މުއިއްޒު ހިޔާލުފާޅުކުރައްވަނީ: ޖޭއެސްސީގެ ރައީސަކަށް ހުންނަން ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި
26 ނޮވެމްބަރ 2025 - 11:33
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ކުރެއްވުން އެންމެ ރަނގަޅީ އެ ކޮމިޝަނަށް ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރު ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މައްޗަންގޯޅީގެ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވި ބައްދަލުވުމުގައި ހިޔާލުފާޅުކުރައްވަމުން މުއިއްޒު ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެންނައިރު، ޖޭއެސްސީ އިސްލާހު ކުރަން ހުށަނާޅާތީ ސުވާލު އުފެދޭ ކަމަށެވެ.
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ޖޭއެސްސީގެ ރައީސް ކަމަށް ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރެއް އިންނަވާތީ ސުވާލު އުފެދޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލިޔެފައި ނެތަސް ޖޭއެސްސީގެ ރައީސްކަން ކުރައްވަން ވާނީ ސުޕްރީމް ކޯޓުން ވަޑައިގަންނަވާ ބޭފުޅެއް. ދެން ނައިބު ރައީސްކަން ކުރައްވަންވާނީ ދެން ހުންނަވާ ފަނޑިޔާރު. އެކަމަކު މި ފެންނަނީ ޕީއެންސީ މެންބަރަކު، އެމްޑީޕީން ވެސް ކަންތައް ކުރީ މިގޮތަށް. ވަކި ޕީއެންސީއަކުން ނޫން،" މުއިއްޒު ވިދާޅުވި އެވެ.
އެހެންކަމުން، ޖޭއެސްސީގެ ރައީސްކަން ކުރައްވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ޕްރެޓިކްސްއެއް ގޮތަށް އަމަލުކުރަން ފަށަން ރައީސް ވިސްނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާއަށް ބަޖެޓުން ގްރާންޓެއް ދޭން ނިންމައި ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތުގެ މަސައްކަތް ނިންމުމަކީ ޝުކުރުވެރިވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ދާއިރާއާ ގުޅޭ ކަންބޮޑުވުންތައް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މުއިއްޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކުރަން ކުއްލިއަކަށް މެންބަރަކު ހުށަހަޅައި، އެ ބިލް ރައީސް ތަސްދީގުނުކުރުމުން އަލުން މަޖިލީހުން ގޮތެއް ނުނިންމާ ބާއްވާފައިވަނީ ނުފޫޒު ފޯރުވަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރަކު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ކަމަށް ވިދާޅުވި އެވެ.
އޭގެފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ވަކިކޮށްފައިވަނީ، މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި އަދުލުވެރި ގޮތަކަށް، އިހުސާންތެރި ގޮތަކަށް އެ ބޭފުޅުންނަށް ދޭން ޖެހޭ ފުރުސަތުތައް ދީގެންނެއް ނޫނެވެ.
މުއިއްޒު ވަނީ ސިޔާސީ މުވައްޒަފުން ސަރުކާރުގައި ގިނަކަން ވެސް ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ މަގާމުތަކަށް މީހުން ނަގަނީ ކޮންމެހެން މަގާމުތަކަށް މީހުން ބޭނުންވެގެން ނޫން ކަމަށާއި ރައީސްގެ ޒާތީ މަސްލަހަތެއް ހިމާޔަތް ކުރަން ކަމަށެވެ. ކުންފުނިތަކުގެ ވަޒީފާތަކާއި ބޭރުގެ މިޝަންތަކުގެ ވަޒީފާތައް ވެސް އޮތީ ހަމަ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މިފަހުން އަމިއްލަ ކުންފުނިތަކަށް ބިޑަކާނުލައި ހަވާލުކުރި މަޝްރޫއުތަކާ ގުޅިގެން ވެސް މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެކަން ކުރަން ޖެހޭނީ ހާމަކަން ބޮޑު ގޮތެއްގައި، އެއީ އެއްވެސް ކޮރަޕްޝަނެއް ނުހިމެނޭ ކަމެއްކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށް ކަމަށެވެ.
"މިހާރަށް ވުރެ ތަންކޮޅެއް ބޮޑަށް ހާމަކަން ބޮޑު ކުރައްވާ ރައްޔިތުންނަށް ގަބޫލުފުޅުކުރެއްވޭ ގޮތަށް އެ ބިޑްތައް ހަވާލު ކުރައްވާށޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ސިވިލް ސާވިސްގެ އެކި މިނިސްޓްރީތަކުގެ ހިދުމަތްތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭކަން ފާހަގަކުރައްވައި، އެކަން ރައީސް ބައްލަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ފުލުހުންގެ އިތުބާރު ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތްތައް ވެސް ރައީސް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އޭގެއިތުރުން މުހިންމު ބޮޑެތި ބަދަލުތައް ގެންނައިރު، ހަމައެކަނި މަޖިލީހަށް ހުށަހަޅާ ފަސް ފޮޅުވަތުގެ ބިލެއްގެ އިތުރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އިލްމީ ކަރުދާސްތައް ހަދައިގެން ކަންކަން ކުރުމަށް ވެސް މުއިއްޒު އެދިވަޑައިގެންނެވި އެވެ. އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އަތޮޅު ކައުންސިލް އުވާލަން ނިންމި ނިންމުމެވެ.
މުއިއްޒުގެ މި ވާހަކަތަކާ ގުޅިގެން ރައީސް ވަކި ޖަވާބެއް އެ ބައްދަލުވުމުގައި ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން 1111
27 November 2025
ކަންތައް ކުރަންވީ ގޮތުގެ ލަފާ ދޭނެ ކަމެއްނެތް. އަހަރެމެންނަ ފެންނަ ގޮތަކަށް ކަންކުރާނީ. ދެން ޖެހޭނީ ހަމަ ތިބެން.
ެްއެްއެދރ
26 November 2025
ހުޅުމާލޭގެ ބިން ބަހާލި އިރު މިއިން އެއްވެސް ބޭފުޅަކު ނެތް... ކުއްލިއަކަށް މިފާޅުވަނީ.
ހުރިހާ
26 November 2025
ފަނޑިޔާރުންގެ މައްސަލަ ބަލާ ތަނުގެ ވެރިއަކަށް ފަނޑިޔާރަކު ހުރުމުން ނުކުންނާނެ ރަނގަޅެއް ނޭނގޭ. މަސްލަހަތު ފުށުއެރުމެއް ނޫނީ ނާންނާނެ. ލޯޔަރު މުއިއްޒުގެ ވާހަކައަކީ ސިޔާސީ ވާހަކައެއް
ރޯނު އެދުރު ކަމަނާ
26 November 2025
ދެ ލޯ ފުޅާ. ފޮތް ކިޔާބަލަ. ޖޭއެސްސީ މެންބަރުންގެ ތެރޭގައި ހުރިހާ ލެވެލް އެއްގެ ކޯޓަކުން ފަނޑިޔާރެއް ހުންނާނެ. އެއީ ލޯޔަރު މުއިއްޒު ޖޭ އެސްސީއަށް އައްޔަނުކުރި ބައެއް ނޫން.
ލާޖަވާބު
26 November 2025
ވާހަކަތަކާ ގުޅިގެން ރައީސް ދެއްވާނެ ޖަވާބެއް ނެތެވެ.
ޗަޕް
26 November 2025
މިމުއިއްޒު ބުނެފައި އޮތް އެތި ފަހަރެއްގައި ރަނގަޅުވެދާނެ. އެކަމަކު ވަކި ސްޕްރީމްކޯޓުގެ ފަނޑިޔާރަކު ޖޭއެސްސީގެ ރައީސަކަށް އިންނަން ޖެހޭ ސަބަބެއް ނޭނގުނު. ޖޭއެސްސީގެ ފަނޑިޔާރަކަށް އިންނަން ޖެހޭނީ ޖޭއެސްސީގެ މެންބަރެއް. ދެން މިއީ ސީދާ އެމްޑީޕީގެ ތަނބެއް ކަހަލަ މީހެއް. އަބްދުﷲ ގާޒީ ހައްޔަރުކުރި އިރު ޕީޖީ އަކަށް ހުރީ މީނަ. އޭރު ހަރަކާތެއް ނެތް. ބޮޑުކަނޑާފައި އުޅެވެނިކޮށް ނިމުނީ މިމީހުންނަށް.
ނޭނގެނީދޯ.
26 November 2025
ކަލެއަށް އެނގިފައި ނެތީ، އޭރުވެސް ޕީޖީގެ ހައިސިއްޔަތުން އެންގެވި ގާޒީ ދޫކޮށްލުމަށާއި، އެމައްސަލައިގާ ދައުވާކުރައްވާނެކަމަށް. ކުޑަކޮށް މައުލޫމާތު ހޯދާލުމަށްފަހު ވާހަކަ ދެއްކުން ރަނގަޅުވާނެ.
ވަކީލްް
26 November 2025
އޭރުގެ ޕީޖީގެ ހައިސިއްޔަތުން ގާނޫނު ނެގެއްޓުމަށް ބުނަންޖެހުނު ބަސް ވަކިކޮޅަކަށް ނުޖެހި ބުނިތަން ފެނުނު. ނަތީޖާއެއްގެ ގޮތުން މަގާމުން ދުރުކުރި.
ރޯނު އެދުރު ކަމަނާ
26 November 2025
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އައްޔަންކުރާ ފަނޑިޔާރަކީ ޖޭ އެސް ސީގެ މެންބަރެއް. އެހެންވީމާ ޖޭ އެސްސީގެ ރައީސްއަކަށް ސުޕްރީމްކޯޓުގެ ފަނޑިޔާރު އައްޔަންކުރެވިދާނެ. އަދި އެ ގޮތް އަދުލު އިންސާފާ ގާތްވާނެ.
ލާފްމް
26 November 2025
ވަރަށް ބެސްޓު
ޟމމމމ
26 November 2025
މިފަދަ ޢިލްމީ ބޭފުޅުންގެ ބަސް ގަބޫލުކުރުމީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ
މުޙައްމަދު ރައްޔިތު މީހާ
26 November 2025
ޢިލްމީ މީހަކު، ޢިލްމީ ނަޒަރަކުން ވާހަކަދެއްކީމާ، ކަނޑުކޮހުންދޭނެ ޖަވާބެއްނޯންނާނެ
ލޯޔަރ މުޢިއްޒު ރިޔާސީ ރޭހަށް ކީއްތޯ؟
26 November 2025
ރައީސް ކަމަށް ލޯޔަރ މުޢިއްޒު މާބޮޑަށް ވެސް ކުފޫ ހަމަވެއެވެ. ސިވިލް އިންޖިނިއަރ މުޢިއްޒު ކަމަކު ނުދެއެވެ.
މަ ބުނީ
26 November 2025
މަ ބުނީ އެބައްދަލުވުމުގައި އާޢިލީ ހިޔާލުފުޅު ލިބިވަޑައިނުގަންނަވާތީ ޖަވާބެންނުދެންވެވީ !