ސަލީމާއި ހަމީދު: އެ ދެ ބޭފުޅުންގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުވާފައި
02 ޖޫން 2025 - 09:35
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
މަޖިލީހަށް ރައީސް ފޮނުއްވި ސިޓީ ތަޅުމުގައި އިއްވާފައިވާއިރު، ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަން ކުރުމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމައިދޭން އެދިވަޑައިގެންފައިވެ އެވެ. އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ މަގާމަށް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާއިރު، އެންމެ ގިނައިން މާކްސް ދިނީ ސަލީމާއި ހަމީދަށެވެ.
އިންޓަވިއުގައި މާކްސް ދިން ތަރުތީބުން އެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް މުއިއްޒަށް ލަފާއަރުވަން ޖޭއެސްސީން ވެސް ނިންމާފައިވެ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސް އެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.
ޖޭއެސްސީން ލިސްޓްގެ އެންމެ ކުރިއަށް ލާފައިވާ ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.
އޭނާ ފަނޑިޔާރު ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިސާލް
03 June 2025
ސްޕްރީމްކޯޓަށް ޢައްޔަންކުރާ ފަނޑިޔާރެއްގެ ޝަރުޠު ތެރޭގައި ވަކި މުއްދަތަކަށް ފަނޑިޔާރުކަން ކޮށްފައިވާ މީހަކަށް ވާންޖެހޭ ކަމަށް ދިވެހިރާއްޖެގެ ޤާނޫނު އަސާސީގައި ބުނާ ކަމަށް މިރާއްޖޭގެ ބައެއް ނޫސްތަކުގެ ޚަބަރުން ފާހަގަ ކުރެވިފައިވެއެވެ.. ވީމާ، މިދިވެހިރާއްޖޭގައި ޤާނޫނީ ރޮނގުން ޢިލްމު ލިބިފައިވާ ވަރަށްގިނަ މީހުން ތިބި އިރުގައި މިދެންނެވި ވާހަކައަށް ބަހެއް ބުނާ ތަން ނުފެންނަ ކަމީ ހިތާމަ ހުރި ކަމެކެވެ.
ބުނިޔާމީ
02 June 2025
ހަމީދަކީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ރަނގަޅު ބޭފުޅެއް.
ޔަގީންޓާރ
02 June 2025
ސަލީމުގެ ނަން ފޮނުވުމުން، ރަނގަޅު ކޮލިޓީ ޖުޑީޝަރީއެއް ބޭއްވުމަށް ރައީސް ގެ އިހުލާސްތެރިކަން ނެތްކަން ޔަގީންވޭ
ވަކީލްް
02 June 2025
ހަމީދު ދަންނަން މަށައްފެނިވާ ތަނުގައި އެއީ ރަނގަޅު ހިތްތިރި ބޭފުޅެއް.
ޒިޔާމްމ
02 June 2025
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ވަކިގޮތަކަށް އެކަމެއް ކުރަން ބުނެފައި އޮންނަ ކަންކަމުގައި އެކަމެއް ކުރަންވާނީ ޤާނޫނު އަސާސީއާއި ތަޢާރުޒް ނުވާ ގޮތަށެވެ. އެއްވެސް މީހަކު އިސްތިސްނާ ވުމެއްނެތި ހުރިހާ ފަރާތަކުން ޤާނޫނު އަސާސީއަށް ތަބާވާން ޖެހެއެވެ. މިގޮތާއި ޚިލާފަށް ކުރެވޭ ކަންތަކުން ނުކުންނާނީ މުޅިންވެސް ނުބައި ނަތީޖާއެވެ.
ގުހވޖބު
02 June 2025
ސަލީމަކީ ސުޕްރީމް ކޯޓަށް ކުފޫ ހަ.ަވާވަރުގެ އިލްމީ ގާބިލުކަން ހުރި މީހެއްނޫން
މޮޔަވެދާނެ1
02 June 2025
އޭނާ ފަނޑިޔާރު ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ. އިތުރަށް ބުނާނެ އެއްޗެއް އެބައޮތްބާ.؟؟
އަހުމަދު.
02 June 2025
މީގަ ފާހަގަކޮއްލަން ޖެހޭ އަނެއްކަމަކީ ހައިކޯޓްގެ ލީގަލް އޮފިސަރުގެ މަގާމުގައި ފަނޑިޔާރު ސަލީމް މަސަތްކަޔް ކުތެއްވީ ފަޑިޔާރު ހަމީދުގެ އަރިހުގައިކަން.
ސަމީދު
02 June 2025
ހަމީދުވެސް ސަލީމުވެސް ރަނގަޅެއް ނުވާނެ. ހަމީދަކީ ވަކި ގޮތަކަށް ހުކުމްކޮށްގެން ފްލެޓު ހޯދި މީހެއް. ސަލީމުވެސް ގެންނަން ހެޔޮ ނުވާނެ. ސުޕްރީމް ކޯޓު އެއްކޮށް ހަލާކުވެއްޖެ
ހަމީދް ސަލީމް
02 June 2025
ހަމީދަކީ ރަނގަޅު ބޭފުޅެއްކަމަށް ގިނަބަޔަކު ބުނާތީ އިވޭ. ހަމަ އެއާއެކު ސަލީމާމެދު އެހާ ގިނަބަޔަކު ސުވާލު އުފައްދާ.