މިއަދު އިރު އޮއްސުނު ފަހުން ހުޅުމާލޭ ސްޓެލްކޯއާ ދިމާލު ފަޅުތެރެއަށް، ވަލެއް އައްސަން ފޭބި ދިވެއްސަކު ގެއްލިއްޖެ އެވެ.
ފުލުހުން ބުނީ އެ މީހާ ފަޅުތެރެއަށް ފޭބީ އިރުއޮއްސި 6:30 ހާއިރު ކަމަށެވެ. އޭގެ ފަހުން އެ މީހާ ނުފެންނަ ކަމަށާއި އެހެންވެ މެރިން ޕޮލިހާއި ކޯސްޓް ގާޑް ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލުނު މީހާއާ ބެހޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާ ހިނގި އިރު މިއަދު މާލެ ސަރަހައްދާއި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯހެވެ. މޫސުން ގޯސްވެ ކަނޑު ގަދަވުމުން، އޮޑިދޯނިފަހަރު ސަލާމަތްކުރުމަށް އިތުރު ވާ އަޅައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަ އެވެ. ބެލެވޭ ގޮތުގައި، ގެއްލުނު މީހާއަކީ އެފަދަ މަސައްކަތެއްގައި އުޅުނު މީހެކެވެ.
މެޓް އޮފީހުން ވަނީ މިއަދު މެދު ރާއްޖެތެރޭގެ ހިސާބުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ވެސް ދެ ފަހަރެއްގެ މަތިން ނެރެފަ އެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެފައި ވާއިރު މެޓް އޮފީހުން ވަނީ މިރެ އާއި މާދަމާ، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.