ޑރ. ހަސަން ހަމީދު ތައްޔާރުކުރައްވާފައިވާ ރާއްޖޭގައި މިހާތަނަށް ނެރެވޭ އެންމެ ބޮޑު ފޮތް ކަމަށްވާ، އިނގިރޭސި-ދިވެހި ޑިކްޝަނަރީ، އަންނަ ޖުލައި މަހުގެ ތެރޭގައި ނެރެން ނިންމަވައިފި އެވެ.
ޑރ. ހަސަން "މިހާރު" އަށް ވިދާޅުވީ ޖުލައި މަހުގެ މެދުތެރޭގައި އެ ފޮތް ރަސްމީކޮށް ނެރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ފޮތުގެ ކޮޕީއެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހަދިޔާކުރެއްވުމަށް ފަހު ހަސަން ވަނީ ފޮތް ނެރެދެއްވުމަށް މައުމޫނަށް ދައުވަތު ވެސް ދެއްވައިފަ އެވެ.
އެ ދައުވަތު ގަބޫލުފުޅު ކުރައްވައި، ރައީސް މައުމޫން ވިދާޅުވެފައިވަނީ ވަގުތާއި ހާލަތު ތަންދޭ ނަމަ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނުހަނު ބޭނުންފުޅުވާ ކަމަށެވެ.
ޑރ. ހަސަން ވިދާޅުވީ އެ ހަފުލާއަކީ ދިވެހި ބަހަށް ލޯބިކުރާ އެތައް ބަޔަކު ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމަށް ވާނެ ކަމަށެވެ. އަދި ދިވެހި ބަހުގެ މިފަދަ މަސައްކަތެއް ނެރެދެއްވުމަށް ރައީސް މައުމޫނަށް ވުރެ ބޮޑަށް އެކަށީގެންވާ އެހެން ބޭފުޅަކު ރާއްޖޭގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއީ އިނގިރޭސި ބަހުގެ 120،000 އަށްވުރެ ގިނަ ލަފުޒުގެ ދިވެހި މާނަ ހިމަނައިގެން، ޖުމްލަ 1،992 ސަފުހާގެ މައްޗަށް ހަސަން އެކުލަވައިލެއްވި ރަދީފެކެވެ.
އެ ފޮތުގެ އެންމެ ހާއްސަ ސިފައަކީ، އެއީ ހަމައެކަނި ލަފުޒުތަކުގެ އާދައިގެ މާނަ އެކުލެވޭ ފޮތަކަށް ނުވުމެވެ. އޭގެ ބަދަލުގައި، އިނގިރޭސި ލަފުޒުތައް ތާނައިން ކިޔާނެ ގޮތާއި، ބަސްބަހުގެ ފުން މާނަތަކާއި، ބޭނުންކުރާނެ ގޮތުގެ އިތުރުން މަޖާޒީ މާނަތައް ފަދަ ތަފުސީލީ މައުލޫމާތު މި ފޮތުގައި ހިމަނާފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
މިއީ ސީދާ ތަރުޖަމާއަކަށްވުރެ ބޮޑަށް، ފުޅާ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް، ކިޔުންތެރިންނަށް އެންމެ ފަސޭހައިން މާނަ ދެނެގަނެވޭނެ ގޮތަށް އެތައް ބަސްފޮތެއްގެ އެހީގައި ތައްޔާރުކޮށްފައިވާ މުއްސަނދި މަސައްކަތެކެވެ.
ޕީއެޗްޑީ ދަރިވަރުންގެ ސުޕަވައިޒަރެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ހަސަން ސިފަކުރައްވާ ގޮތުގައި، އެ ފޮތް އެކުލަވައިލުމަށް ކުރެވުނު މަސައްކަތަކީ ދެތިން ޕީއެޗްޑީ ތީސީސްއަށްވުރެ ވެސް ބުރަ އަދި ބޮޑު އިލްމީ މަސައްކަތެކެވެ.
ވޭތުވެދިޔަ ތަނުގައި ބައެއް އަކުރުތަކުގެ ލަފުޒުތަކުގެ މާނަ އޮންލައިންކޮށް ޝާއިއުކުރައްވާފައިވާ ހަސަންގެ އަމާޒަކީ، އެ ފޮތުގެ ފުރަތަމަ މަދު އެޑިޝަންތަކެއް ޗާޕުކޮށްގެން ނެރުމަށްފަހު، އެ ފޮތަށް ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް އާންމުންނަށް ފަސޭހައިން ބެލޭނެ ގޮތެއް ހެދުމެވެ.