ބޭސް ލިބުމުގައި ހުރި ދަތިކަމަށް، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރަނގަޅު ބޮޑު ބަދަލެއް އަންނާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބޭސް ސިޓީތަކަށް ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަގްސަދުގައި، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދައިފަ އެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް"ގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭހުގެ ދަތިކަން ހައްލުކުރުމަށް ސްޓޭޓް ފާމާ އިން ވަރަށް ގިނަ މަސައްކަތްތަކެއް އެއްވަގުތެއްގައި ކުރިއަށްގެންދާ ކަމަށެވެ.
ދިގުމުއްދަތަށް ބޭސް ބޭނުންކުރަންޖެހޭ ބަލި މީހުންނަށް މެދުނުކެނޑި ބޭސް ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާގައި، ކުރިއަށް އޮތް ޖޫން ނުވަތަ ޖުލައި މަހާ ހަމައަށް ދާއިރު ބޭހުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
"ވަރަށް ބޮޑު ބަދަލެއް އަންނާނެ އިނގޭތޯ. އެކަމަށްޓަކައި އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްކޮށްފި. ޖޫން،ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ." ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް މިހާތަނަށް ގެންނަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް، ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ސްޓޭޓް ފާމާ މިދިޔަ އަހަރު އުފެއްދި ނަމަވެސް އެ ކުންފުނީގެ ދަށަށް ހުރިހާ މަސައްކަތެއް ބަދަލުވާނީ އަންނަ ޖުލައި އެކަކުން ފެށިގެންނެވެ. މި މުއްދަތުގެ ތެރޭގައި، އެސްޓީއޯގެ ހުރިހާ ފާމަސީއެއް ވެސް އާ ކުންފުނީގެ ދަށަށް ބަދަލުކުރާނެ އެވެ.