ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ށ. ގޮއިދޫ މިސްކިތު އިމާމު ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ގޮއިދޫގައި ހުންނަ ހަމައެކަނި މިސްކިތުގެ އިމާމުކަން ވެސް ކުރާ އެ މީހާއަކީ ހާފިޒެކެވެ. އަދި އެއީ ގޮއިދޫގައި އެންމެ މަޝްހޫރު އެއް ދަނޑުވެރިޔާ ވެސް މެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ، އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުކޮށްފައި ވަނީ ގޮއިދޫގެ ގިނަ ބަޔަކު ތިބޭ ވައިބާ ގްރޫޕެއްގަ އެވެ.
ފުލުހުން ބުނީ ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް އެ އިދާރާ އަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ވީޑިއޯ ފެތުރި މައްސަލަ އާއި އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެެ.
އެ މައްސަލާގައި އެ މީހާއާ މެދު އެއްވެސް ފިޔަވަޅެއް އިސްލާމިކް މިނިސްޓްރީން އެޅިކަމެއް އަދި ސާފެއް ނޫނެވެ.