އާސަންދައިގެ ދަށަށް ބަދަލުކުރި އާ ހިދުމަތްތަކުގެ ސަބަބުން، އާއްމުންނަށް އިތުރު ތަކުލީފެއް ނުޖެހި އެއްފަހަރާ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެންސްޕާއިން ކުރިން ދިން ހިދުމަތްތަކުގެ ތެރެއިން 16 ހިދުމަތެއް އާސަންދައިގެ ދަށަށް މިއަދުން ފެށިގެން ބަދަލުކުރުމުން އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ މެޑިކަލް ވެލްފެއާ ކަންކަމަށް އެހީއަށް އެދި ހުށަހަޅާ ވިރަ ފޯމް ދެން ހުށަހަޅަން ޖެހޭނީ "މައި އާސަންދަ ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ.
މައި އާސަންދަ ޕޯޓަލް އަށް ލޮގިންވުމުން ބޭނުންވާ އެހީއެއް އިހުތިޔާރުކުރުމުން، ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެހީގެ ކަންކަން ހަމަޖެހޭނެ ކަމަށް އާސަންދައިން ބުންޏެވެ.
އެ ބަދަލާ އެކު، އާއްމުންނަށް އިތުރު ތަކުލީފެއް އުފުލަން ނުޖެހި އާސަންދަ އަދި މެޑިކަލް ވެލްފެއާ ސްކީމްގެ ދަށުން އެހީއަށް އެދި އެއްފަހަރާ ހުށަހެޅުމުގެ ފުރުސަތު ފަހިވާނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން އެހީއަށް އެދޭ މީހުންނަށް މިހާރަށް ވުރެ އަވަހަށް ޖަވާބު ލިބުމާއި އެހީއާ މެދު ގޮތެއް ނިންމުން އަވަސްވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.
އާސަންދައިގެ ދަށަށް ބަދަލުކުރި ހިދުމަތްތައް
1. ގޯޝަން ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން
2. ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން
3. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެން ނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ މީހުންނަށް އެހީވުން
4. ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ މީހުންނަށް އިތުރު ޓިކެޓް ހަމަޖެއްސުން
6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީ
7. ޕަބްލިކް ހޮސްޕިޓަލްތަކާއި އާސަންދައިން ކަވާ ނުކުރާ ޓެސްޓްތަކާއި ތަހުލީލްތަކަށް ދޭ އެހީ
8. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
9. ދެވޭ އިތުރު ފަރުވާއެއް ނެތް ކަމަށް ކަމާބެހޭ ހާއްސަ ޑޮކްޓަރަކު ލަފާ ދިނުމުން އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން) އެހީވުން
10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން
11. އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
12. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
13. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
14. މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން
15. ރަށަކުން ފޯމް ފުރައިދޭ ޑޮކްޓަރަކީ އެކަމުގެ ހާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން އިތުރު ތަކުލީފްތަކެއް ދިމާވާނަމަ އަދި ރިފާކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވި ނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވާ ހާލަތްތައް
16. ވެލްފެއާ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ މީހުންނަށް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑާކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން
ވެލްފެއާ ނިޒާމު ތައާރަފްކޮށް އެންސްޕާ އުފެއްދީ އޮގަސްޓް، 2008 ގަ އެވެ. އާސަންދައިން ކަވަރުނުކުރާ ބަލިތަކަށް ފަރުވާ ހޯދުމާއި އެކަނިވެރިމައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދިނުމަކީ އެންސްޕާއިން ކުރާ ބައެއް މަސައްކަތްތަކެވެ.