އައްޑޫގައި އެންސްޕާ އާއި އާސަންދައިގެ އޮފީހެއް މިއަދު ހުޅުވާފައިވާއިރު، މާލެ އަށް ކުރަންޖެހޭ ދަތުރުތަކަށް އޭގެ ސަބަބުން ލުޔެއް ލިބޭނެ ކަމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ. 

އައްޑޫ ހިތަދޫގައި އެންސްޕާ އާއި އާސަންދައިގެ އޮފީހެއް ހުޅުވުމުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޝަތު ޝިހާމް ވިދާޅުވީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތްތައް ދިނުމަށް މި ސަރުކާރުން ކުރަަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުވި ތަނެއް ކަމަށެވެ.

"އެ  އޮފީހާއެކު އައްޑޫގެ ރައްޔިތުން މާލެއަށް ކުރަން ޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، އިދާރީ ގިނަ ކަންތައްތަކެއް އަމިއްލަ ފަސްގަނޑުގައި ތިއްބަވައިގެން ނިންމާލުމުގެ މަގު ތަނަވަސްވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުން އަންނަނީ ހަމައެކަނި މާލެ އަށް މަރުކަޒުވެފައި އޮތް ހިދުމަތްތައް ރަށްރަށަށް ބަހާލައި، ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

އައްޑޫގައި ހުޅުވި އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބުމަށް މަގުފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އައިޝަތު ޝިހާމް ވިދާޅުވީ އެ އޮފީހުގެ ހިދުމަތަކީ ގއ. އާއި ގދ. އަތޮޅުގެ އިތުރުން ފުވައްމުލަކު ވެސް ހިމެނޭހެން، ދެކުނުގެ އަތޮޅުތަކަށް ފުޅާވާނެ ހިދުމަތެއް ކަމަށެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، އަމަލީ ގޮތުން އެންސްޕާ އަދި އާސަންދައިން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމަށް ލިޔެކިޔުންތައް ހުށަހަޅައި، އެކަމުގައި ލިބޭ ޖަވާބެއްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ އިންތިޒާރު ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިހާމް ވިދާޅުވި ގޮތުގައި، މިއީ ވަގުތާއި ހަރަދު ސަލާމަތްކޮށް އަދި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ތަކުލީފުތަކަށް ލިބޭނެ ބޮޑު ތަސައްލީއެކެވެ.