ޔުނެސްކޯގެ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ރާއްޖޭގައި ކަނޑައަޅާފައިވާ ސަރަހައްދުތައް އިތުރުކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ލ. އަތޮޅަކީ ބަޔޯސްފިޔާ ރިޒާވެއް ކަމަށް ކަނޑައަޅަން އަންނަ ސެޕްޓެމްބަރު މަހު ޔުނެސްކޯއަށް ހުށަހަޅާނެ ކަަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ ލ. އަތޮޅަކީ ބަޔޮސްފިޔާ ރިޒާވެއް ކަމަށް ކަނޑައަޅަން ޔުނެސްކޯއަށް ހުށަހެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެންވަޔަރްމެންޓް މިނިސްޓްރީން މިހާރު ވަމުންދާ ކަމަށާއި އަދި އެކަމާ ބެހޭ ލިޔެކިއުންތައް މިހާރު ތައްޔާރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސެޕްޓެމްބަރު މަހުގައި ޔުނެސްކޯ އިން އަބަދުވެސް އެސެެސް ކުރައްވާނީ. މި ސެޕްޓެމްބަރަށް އިރާދަކުރެއްވިއްޔާ މިނިސްޓްރީން އެ ތައްޔާރުވެ މަސައްކަތް ނިމެނީ އިރާދަކުރެއްވިއްޔާ ލ.އަތޮޅު ބަޔޯސްފިޔާ ރިޒާވްގެ ލިޔެކިޔުންތައް ފޮނުވަން،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަސް ވަނަ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ޅ. އަތޮޅުގެ ބައެއް ކަނޑައަޅަން ކުރަންޖެހޭ މަސައްކަތްތައް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަން ބައިނަލްއަގްވާމީ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުނެސްކޯއިން ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަނީ ގައުމުތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ބިނާކޮށް، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ އެވެ. އަދި މިވަގުތު ރާއްޖޭގައި ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ތިން ސަރަހައްދެއް އެބައޮތެވެ.