ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ޕަސެންޓާ ހަމައަށް ޗާޖުކުރާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އެ ބޭންކުން ބުނެފި އެވެ. 

ބީއެމްއެލް އިން މިހެން ބުނީ ރުފިޔާ ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް 30 ޕަސެންޓުގެ އިތުރުން 10 ޕަސެންޓް ނަގައި، ޖުމްލަ 40 ޕަސެންޓު ނަގާކަމަށް އަދި ކްރެޑިޓް ކާޑުތަކުން ވެސް 30 ޕަސެންޓުގެ ޗާޖެއް ނަގާ ކަމަށް ބުނާ ވާހަކައާ ގުޅުވައިގެންނެވެ.  

"މިއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް،" ބޭންކުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކާޑުތަކުން ފީ ނަގާ ގޮތް

ބޭންކުގެ 'ޝެޑިއުލް އޮފް ޗާޖަސް' ގައިވާ ގޮތުން، ރާއްޖެއިން ބޭރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ކްރޮސްބޯޑާ މުއާމަލާތްތަކުގައި، އެ މުއާމަލާތަކީ ޔޫއެސް ޑޮލަރު ނޫން އެހެން ފައިސާއަކުން ކުރާ މުއާމަލާތެއް ނަމަ، ނުވަތަ އެ މުއާމަލާތެއް ކުރަނީ ދިވެހި ރުފިޔާ އެކައުންޓަކުން ނުވަތަ ދިވެހި ރުފިޔާއިން ފައިސާދައްކާ ކްރެޑިޓް ކާޑަކުން ނަމަ 10 ޕަސެންޓާ ހަމައަށް ކްރޮސްބޯޑާ ޓްރާންސެކްޝަން ފީއެއް ނަގާނެ އެވެ.

ބޭންކުން ބުނީ މި ފީއަކީ އަލަށް ކަނޑައެޅި ފީއެއް ނޫން ކަމާއި އަދި ހުރިހާ ކާޑަކުން ފްލެޓް 10 ޕަސެންޓެއް ނުނަގާނެ ކަމަށެވެ.

"ބޭންކުން ކާޑުގެ ހިދުމަތް ދޭން ފެށީއްސުރެ، ޝެޑިއުލް އޮފް ޗާޖަސްގައި އެވާ 10 ޕަސެންޓާ ހަމައަށް ކަނޑައެޅިފައިވާ ފީ، ހަމަ އެ އުސޫލުން ނަގާ. އެއީ ކޮންމެހެން 10 ޕަސެންޓެއް ނުން. އެންމެ ގިނަވެގެން 10 ޕަސެންޓާ ހަމަޔަށް، އެކި ކާޑު ޕްރޮޑަކްޓްތަކުގައި އެކި މިންވަރަށް. މިއީ ކުރިންވެސް އަދި މިހާރުވެސް މިކަން އޮތް ގޮތް. މިއީ ކާޑުގެ ހިދުމަތްދޭ އެހެނިހެން ގައުމުތަކުގެ ބޭންކުތަކުން ވެސް 'އޮޕްޝަނަލް އިޝުއާ ފީ' (އޯއައިއެފް) ގެ ނަމުގައި ނަގަމުން އަންނަ ފީއެއް،" ބީއެމްއެލްގެ އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތައް ވިޔަފާރީގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރާތީ  ޖުލައި 1، 2025 އިން ފެށިގެން ކަނޑައެޅި 30 ޕަސެންޓާ ހަމައަށް ނަގާ ފީއާ ގުޅޭގޮތުން ދެ ކަމެއް ފާހަގަކުރެއްވި އެވެ. އެއީ:

  • މި 30 ޕަސެންޓުގެ ފީއަކީ 6 އީ-ކޮމާސް ސައިޓަކުން ކުރާ މުއާމަލާތްތަކަށް އެކަނި ނަގާ ފީއެކެވެ. އަދި މިއަދާ ހަމައަށްވެސް ކްރެޑިޓް ކާޑުތަކަށް މި ފީއެއް ނުނަގަ އެވެ.
  • މި 30 ޕަސެންޓަކީ 10 ޕަސެންޓުގެ ތެރެއަށް އިތުރުކޮށްގެން ނަގާ ފީއެއް ނޫނެވެ. މީގެ ތެރެއިން ނަގަނީ ކޮންމެވެސް އެއް ފީއެކެވެ.

"އެއްވެސް ބޭންކަކަށް ނުވަތަ ކާޑު ނެޓްވޯކަކަށް، ވަކި ފީއެއް ނެގުމަކާ ނުލައި ބޯޑަރު ހުރަސްކޮށް މުއާމަލާތްތައް ހިންގުމަކީ މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ކުރެވޭނެ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އެއް ފައިސާއަކުން އަނެއް ފައިސާއަށް ބަދަލުކުރުމަށާއި ބޭރު ފައިސާ ހޯދައި ބެހެއްޓުމަށް ދުނިޔޭގެ ޕޭމަންޓް ނިޒާމު ހިނގާ އުސޫލު ކަމަށެވެ.

ޑޮލަރުގެ ސަޕޯޓާއި ލިމިޓްތަކަށް ބޮޑު ކުރިއެރުމެއް

ބާޒާރުގައި ޑޮލަރު ހޯދުމުގެ ދަތިކަން ހުރި ނަމަވެސް، ބޭންކުން ވަނީ ބޭސްފަރުވާ އާއި، ދަތުރުފަތުރު އަދި ކިޔަވާ ކުދިންނަށް އެހީވުމުގެ ގޮތުން ކާޑުތަކުގެ ލިމިޓް ވަރަށް ބޮޑަށް އިތުރުކޮށްދީފަ އެވެ. ބޭންކުގެ އަހަރީ ދުވަސްކަމަށްވާ ނޮވެންބަރު 11 ގައި ޑެބިޓް ކާޑު ކަސްޓަމަރުންނަށް ޖުމްލަ ލިމިޓު ވަނީ 3,000 ޑޮލަރަށް ބޮޑުކޮށްދީފަ އެވެ.

މިހާރު ކަނޑައަޅާފައިވާ މަހު ލިމިޓްތަކަކީ:

  • ބޭސްފަރުވާއާއި ދަތުރުފަތުރަށް: މަހަކު 3,000 ޔޫއެސް ޑޮލަރު
  • ޕީއޯއެސް އަށް: މަހަކު 1,000 ޔޫއެސް ޑޮލަރު
  • އީ-ކޮމާސް އަށް: މަހަކު 250 ޔޫއެސް ޑޮލަރު
  • އޭޓީއެމް އިން ނެގޭ އަދަދު: މަހަކު 150 ޔޫއެސް ޑޮލަރު

މިއީ ސެޕްޓެންބަރު 16، 2020 އިން ފެށިގެން ޖުލައި 1، 2025 އާ ހަމަޔަށް މި ހުރިހާ ކަމަކަށް ޖުމްލަ އޮތް 250 ޑޮލަރުގެ ލިމިޓާ އަޅާބަލާއިރު ލިބުނު ބޮޑު ކުރިއެރުމެއްކަން ބޭންކުން ފާހަގަކުރެ އެވެ. މީގެ އިތުރުން ކްރެޑިޓް ކާޑުތަކުގެ ލިމިޓްތައް ވެސް ވަނީ ބޮޑުކޮށްދީފަ އެވެ.

ވިޔަފާރިތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބީއެމްއެލްއިން ޖުމްލަ 345 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މީގެ ތެރެއިން 147 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ދޫކޮށްފައިވާއިރު، ކާޑުގެ މުއާމަލާތްތަކަށް 198 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ. މިއީ އެވްރެޖްކޮށް މަހަކު 69 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖް މަހަކު 47 މިލިއަން ޑޮލަރާ އަޅާބަލާއިރު 47 ޕަސެންޓް އިތުރު އަދަދެކެވެ.

ދުވަހުގެ ބަޖެޓް ހަމަވުމުން ދިމާވާ މައްސަލައަށް ހައްލެއް

ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން އޮންލައިންކޮށް ހިންގާ މުއާމަލާތްތައް އެތައްގުނަ އިތުރުވުމުން، ބޭރުގެ ފަރާތްތަކަށް ފައިސާ ދެއްކުމަށްޓަކައި ބޭންކަށް ގިނަ އަދަދެއްގެ ޑޮލަރު ހޯދަންޖެހެ އެވެ. މިކަމަށް ދަތިނުވާނެ ގޮތަށް އޮންލައިން ސައިޓްތަކަށް ދުވާލަކަށް ވަކި އަދަދެއްގެ ބަޖެޓެއް ކަނޑައެޅުމުން، އެ ބަޖެޓް ހަމަވުމުން ބައެއް ސައިޓްތަކުން މުއާމަލާތް ނުކުރެވޭ މައްސަލަ ދިމާވެ، އާންމުންގެ ހިތްހަމަނުޖެހުން ވަނީ އުފެދިފަ އެވެ.

ބޭންކުން ބުނީ މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ދުވާލަކަށް ކަނޑައެޅޭ ބަޖެޓް ހަމަވެ މުއާމަލާތް ނުކުރެވޭ މައްސަލައަށް މި މަސް ނިމެންވާއިރަށް ހައްލެެއް ހޯދުމަށް ބޭންކުން ދަނީ މަސައްކަތް ކުރަމުން."

އެންމެ ފުރިހަމަ ހައްލަކީ ޑޮލަރު ކާޑު

ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާގެ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ މަތީ ލިމިޓެއް ދޭ ހަމައެކަނި ބޭންކަކީ ބީއެމްއެލްކަން އެ ބޭންކުން ފާހަގަކުރެ އެވެ. ބޭންކަށް މުސާރަ ޖަމާނުކުރާ މީހުންނަށް ވެސް ރުފިޔާ އެކައުންޓަކާ އެކު ޑެބިޓް ކާޑު ލިބި، ހަމަހަމަކަމާ އެކު މި ލިމިޓްތައް ބޭނުންކުރެވެ އެވެ.

ނަމަވެސް، އެއްވެސް ދަތިކަމެއް ނެތް ހިދުމަތަކަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޑޮލަރު ކާޑު ބޭނުންކުރުންކަން ބޭންކުން ހަނދާންކޮށްދިނެވެ.

"ޑޮލަރު ކާޑުން ވިޔަފާރިކުރުމަށް އެއްވެސް ލިމިޓެއް ނެތް. އެހެންކަމުން މިއީ ބޭރުގެ މުއާމަލާތްތައް މެދުކެނޑުމެއްނެތް ގޮތެއްގައި ކުރުމަށް އޮތް އެންމެ ވިސްނާލުން މުހިއްމު ސޮލިއުޝަން."