އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން މިރޭ 9:00 އާ ހަމައަށް އިތުރުކޮށްފި އެވެ.

އެ ޕާޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ވޯޓުލާ ވަގުތަށް 30 މިނެޓު އިތުރުކުރީ މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފޮށިތަކުގައި ވޯޓުލާން ފެށުން ލަސްވުމާ ގުޅިގެން ކަމަށެވެ.

އެހެންވެ، ވޯޓުލުން މިރޭ 9:00 އާ ހަމައަށް ވަގުތު އިތުރުކުރީ ކަމަށް ބުންޏެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އެމްޑީޕީ ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާނެ ބޭފުޅަކު ކަނޑައަޅަން ވޯޓުލާން ފަށާފައިވަނީ މެންދުރު 2:30 ގަ އެވެ. 

ކުރިން ހަމަޖައްސާފައިވަނީ މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާށެވެ. 

އެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. 

މިއަދުގެ އިންތިހާބުގައި ބައެއް ރަށްރަށުގައި ހަމަނުޖެހުންތައް ވެސް ވަނީ ހިނގައިފަ އެވެ.

މިގޮތުން، ގދ. ފިޔޯރީގައި ހިނގި ދެ ބަސްވުމެއްގައި އެ ރަށުގައި ބެހެއްޓި ވޯޓު ފޮށި ފަޅާލާފައިވާއިރު، ފ. ފީއަލީގައި ވޯޓުލާ މަރުކަޒަށް މީހަކު ވަދެ ވަނީ، ވޯޓު ފޮށި ހިފައިގެން ގެންގޮސް އެ ރަށުގައި ހުންނަ އެމްޑީޕީ ހަރުގެއަށް ވައްދައިފަ އެވެ.