އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ގދ. ފިޔޯރީގައި ހިނގި ހަމަނުޖެހުމުގައި ވޯޓުފޮށި ފަޅާލައި އަދި ފ. ފީއަލީގައި ބެހެއްޓި ވޯޓުފޮށި ހިފައިގެން މިއަދު "ފިލައިފި" އެވެ.

އެ ޕާޓީގެ އިންތިހާބީ ކޮމެޓީގެ އޮފިޝަލަކު ވިދާޅުވީ ފިޔޯރީ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގީ، އެ ތަނަށް ވޯޓު ނުލެވޭ މީހަކު، އެ ފޮއްޓަށް ވޯޓުލާން ބޭނުންވުމުން ކަމަށެވެ. އެ މީހާ ވޯޓުލާން ރަޖިސްޓްރީކޮށްފައި އޮތީ މާލެއަށެވެ.

ނަމަވެސް، އެ މައްސަލަ ބޮޑުވެ، ހިނގި ހަމަނުޖެހުމުގައި ވޯޓުފޮށި ވަނީ ފަޅާލައިފަ އެވެ.

އޮފިޝަލް ވިދާޅުވީ ފޮށި ފަޅައިގެން ދިޔަ ނަމަވެސް ވޯޓުލުން ކުރިއަށްދާ ކަމަށެވެ. ނަމަވެސް، އެ ވޯޓު ފޮއްޓަށްލާފައިވާ ވޯޓުތައް ސައްހަވާނެ ކަމާ މެދު ސުވާލު އުފެދޭތީ ޝަކުވާ ބަލާ ބިއުރޯއިން އެކަން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

މި އިންތިހާބުގައި މައްސަލަ ދެން ބޮޑުވީ ފ. ފީއަލީގަ އެވެ. 

އެ ރަށުގައި ހަމަނުޖެހުން އުފެދުނީ ވަކި ކެންޑިޑޭޓެއްގެ މަންދޫބުން، ދެން ތިބި މީހުން މަންދޫބުންގެ ގޮތުގައި ބަލައިނުގަތުމުންނެވެ. އޭގެ ފަހުން ވެސް އެ ރަށުގައި ވަނީ ހަމަނުޖެހުންތައް ހިނގައިފަ އެވެ.

"ފަހުން ދިމާވި މައްސަލައަކީ އަޅުގަނޑުމެންގެ ވެބްސައިޓުގައި އާއްމުކުރި ލިސްޓުގައި އޮތް މީހަކަށް، ވޯޓުނުލެވޭ ކަމުގެ ޝަކުވާ. ޝަކުވާ ހުށަހެޅީމަ އެކަން ބަލަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

އެ ހިތްހަމަނުޖެހުމަކާއެކު ފީއަލީގެ ވޯޓުފޮށި ވަނީ ޕާޓީގެ ހަރުގެއަށް ގެންގޮސްފަ އެވެ. އަދި ވޯޓުލުން ވެސް މެދުކެނޑިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މި ފޮށީގެ ވޯޓުގެ ސައްހަކަމާ މެދު ވެސް ސުވާލު އުފެދޭތީ ކޮމްޕްލެއިންޓްސް ބިއުރޯއިން އެކަން ބަލަމުންދަނީ. އަލުން ވޯޓަކަށް ދާނީތޯ ނުވަތަ ނޫންތޯ މަޝްވަރާކުރަނީ،" އޭނާ ވިދާޅުވި އެވެ. 

މި އިންތިހާބުގެ ވޯޓުލުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދެ އެވެ. އަދި ސްރީ ލަންކާގައި ދިރިއުޅޭ އެ ޕާޓީގެ މެމްބަރުންނަށް ވޯޓުލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ޖުމްލަ 241 ފޮށި ބަހައްޓާފައި ވާއިރު މިއީ ރާއްޖޭގައި ބަހައްޓާ 240 ފޮއްޓާއި ލަންކާގައި ބަހައްޓާ ފޮއްޓެކެވެ.

މެންދުރު 2:30 ގައި ވޯޓުލުން ފަށާފައި ވާއިރު މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ ބައިބައިވެ އުފެދުނު ހިޔާލު ތަފާތުވުމުގައި ޕާޓީ ދޫކޮށް ވަޑައިގެންނެވި ބޭފުޅުން އުފެއްދެވި ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ  ކުރީގެ ރައީސް މުހައްމަދު ނަޝީދާ މި އިންތިހާބުގައި ވާދަކުރައްވަނީ  ޒުވާން ލީޑާޝިޕެއްގެ ތަަސައްވުރާ އެކު ނުކުންނެވި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. ސިޔާސީ ގޮތުން ނަޝީދާ ހިޔާލު ތަފާތުވެފައިވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ކެމްޕެއިންގައި ތާއީދުކުރައްވަނީ މީކާއިލްއަށެވެ.