ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އިސްމާއިލް ވިދާޅުވީ ކޮރަޕްޝަންގެ ވާހަކައަކީ ތަކުރާރުކޮށް އަބަދުވެސް ދެއްކެވޭ ވާހަކައަކަށް ވާއިރު، އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާ ނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހި ނުވާނެ ކަމަށެވެ. އެކަން އެހެން އޮތުމާ އެކު، ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުން ނޫނީ ފައިނޭންޝިއަލް ކޮރަޕްޝަނެއް ނުހިނގާނެ،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
"ހަލުވި މަސައްކަތަކާ އެކު، ޕްރޮފެޝަނަލިޒަމާ އެކު، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން އަޅުގަނޑުމެންގެ ގައުމުން ނައްތާލެވިއްޖެ ކަމަށް ވަނީ ނަމަ، ރައްޔިތުންގެ ފައިސާ އަށް އަމާނާތްތެރިވާ، ރައްޔިތުންގެ ފައިސާ އިން އެންމެ އެކަށީގެންވާ ހިދުމަތެއް ދޭ ބޭނުންވާ، ރައްޔިތުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދެވޭ ފަދަ އޮފީސްތަކަކަށް ހެދޭނެ."
އިސްމާއިލް ވިދާޅުވީ ރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް އެންމެ ބޮޑު އެއްބާރުލުމެއް އަދި އެންމެ ބޮޑު މަސައްކަތެއް ވެސް ކުރެވޭނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށެވެ.
ސަރުކާރުގެ ކޮންމެ އިދާރާއަކުން ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރަނގަޅު ކުރަންވީ ކަންކަން ބަލަން ޖެހޭ ކަމަށާއި އަދި ބަދަލުތައް ގެނެވިއްޖެ ނަމަ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ކޮރަޕްޝަނަށް ހުޅުވިފައި އޮތް މަގުތައް ބަންދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ޑިޖިޓަލައިޒްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި "މޯލްޑިވްސް 2.0"ގެ މައިގަނޑު މަގުސަދަކީ ވެސް ކޮރަޕްޝަން ނައްތާލުން ކަމަށާއި އެ ސިޔާސަތުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންގެ އެއްބާރުލުމާ އެކު އެކަން ހާސިލްވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ރާއްޖޭގެ ސިވިލް ސާވިސްގައި ކޮންޓްރެކްޓު މުވައްޒަފުން ހިމެނޭހެން 35،000 އެއްހާ މީހުން މަސައްކަތް ކުރެ އެވެ. އެއީ ރާއްޖޭގެ ޖުމްލަ އާބާދީގެ ކޮންމެ 15 މީހަކުން އެކަކެވެ.