މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ އިދާރާއިން ފުލުހުންނާ ގުޅިގެން، މާފުށީ ޖަލުގައި  ސާޗް އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށެވެ.

ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

މަނާތަކެތި ޖަލަށް ވެއްދުމާއި ޖަލުގައި ތިބޭ މީހުން ސްކޭމްގެ އަމަލުތައް ހިންގާތީ މީގެ ކުރިން ވެސް މާފުށީ ޖަލު ބަލައި ފާސްކުރަން އޮޕަރޭޝަންތައް ހިންގާފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ވަނީ މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބެގެޖް ސްކްރީން މެޝިނެއް ފުރަތަމަ ފަހަރަށް ބަހައްޓައި ޖަލަށް އެތެރެވާ މީހުން ގެންދާ ތަކެތި އެ މެޝިން ބޭނުންކޮށްގެން ފާސްކުރަން  ވެސް ފަށައިފަ އެވެ. 

ޖަލަށް ފޯނު ފަދަ ތަކެތި ވައްދައިގެން ސްކޭމް ކުރާ މައްސަލަ ބޮޑުވެފައިވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ވަނީ ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ފުރަތަމަ ފަހަރަށް ބަހައްޓައި އޭޕްރީލް މަހު ބޭނުންކުރަން ވެސް ފަށައިފަ އެވެ.