ޣާޒީ ބިލްޑިންގްގެ ޕާކިން ސަރަހައްދު ހަދަން ބޭނުންވާ ތަކެތި ހޯދުމަށް ކުރި އިއުލާނަށް ތަރުހީބު ނުލިބިގެން އެ ތަކެތި ހޯދަން އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާކިން ސަރަހައްދު ހަދަން ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އާއި ސްކޯޕަށް ބަދަލު ގެނެސްފައިވާތީ އަލުން އެކަމަށް އިއުލާންކުރާ ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަަމަ މާދަމާ މެންދުރު 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ބީލަން ހުޅުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި އެ މިނިސްޓްރީގަ އެވެ.
އަމީރު އަހުމަދު މަގުން ޝަހީދު ހުސައިން އާދަމް ބިލްޑިންއާ އިންވެގެން އޮންނަ ބިމުގައި ހުރި ޣާޒީ ބިލްޑިން ތަޅާލައި މިދިޔަ މާޗު މަހާ ހަމައަށް އެތަން ބޭނުންކުރަމުން އައީ ސައިކަލު ޕާކިން ޒޯނެއްގެ ގޮތުގަ އެވެ.
އެ ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ އާރުޑީސީއާ ހަވާލުކޮށްފަ އެވެ. ޖުމްހޫރީ މައިދާން ގޮތަށް ރީތި ޕާކެއް ޣާޒީ ބިލްޑިންގް ބިމުގައި ހަދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ޕާކުގެ މަސައްކަތްކުރުމަށް އެ ތަނުގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ނަގައި އެ ބިން ވަށައިގެން މިހާރު އޮތީ ޓިނު ޖަހައި ބަންދު ކޮށްފަ އެވެ.
ޣާޒީ ބިލްޑިންގް ތަޅާލީ ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން 2023 ވަނަ އަހަރު އެވެ.
އެ އިމާރާތް ހުރި ސަރަހައްދުގައި ސަރުކާރުގެ އޮފީސްތައް ހިންގަން ބޭނުންކުރި ހުރަވީ ބިލްޑިންގް ވެސް ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން އެ އަހަރު ވަނީ ތަޅާލައިފަ އެވެ. އަމީރު އަހުމަދު މަގުން ރައީސް އޮފީސް ކުރިމަތީގައި ހުރަވީ ބިލްޑިންގް ހުރި ތަނުގައި ވެސް މިހާރު ވަނީ ސައިކަލްތަކަށް ހާއްސަ ޕާކިން ޒޯނެއް ހަދައިފަ އެވެ.