ޣާޒީ ބިލްޑިންގް ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އަމީރު އަހުމަދު މަގުން ޝަހީދު ހުސައިން އާދަމް ބިލްޑިންއާ އިންވެގެން އޮންނަ ބިމުގައި ހުރި އިމާރާތް ތަޅާލައި މިހާތަނަށް ބޭނުންކުރަމުން އައީ ސައިކަލު ޕާކުކުރާ ޕާކިން ޒޯނެއްގެ ގޮތުގަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރުޑީސީއާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ. ޖުމްހޫރީ މައިދާން ގޮތަށް ރީތި ޕާކެއް ޣާޒީ ބިލްޑިންގް ބިމުގައި ހަދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ތަނުގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ނަގައި މިހާރު ވަނީ އެ ބިން ވަށައިގެން ޓިނު ޖަހައި ބަންދު ކޮށްފަ އެވެ.
ޣާޒީ ބިލްޑިންގް ތަޅާލީ ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން 2023 ވަނަ އަހަރު އެވެ.
އެ އިމާރާތް ހުރި ސަރަހައްދުގައި ސަރުކާރުގެ އޮފީސްތައް ހިންގަން ބޭނުންކުރި ހުރަވީ ބިލްޑިންގް ވެސް ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން އެ އަހަރު ވަނީ ތަޅާލައިފަ އެވެ. އަމީރު އަހުމަދު މަގުން ރައީސް އޮފީސް ކުރިމަތީގައި ހުރަވީ ބިލްޑިންގް ހުރި ތަނުގައި ވެސް މިހާރު ވަނީ ސައިކަލްތަކަށް ހާއްސަ ޕާކިން ޒޯނެއް ހަދައިފަ އެވެ.
ހުރަވީ ބިލްޑިންގާއި ގާޒީ ބިލްޑިންގް ހުސްކޮށް، އެ ދެ އިމާރާތުގައި ހިންގަމުން އައި ސަރުކާރުގެ އޮފީސްތައް ވެލާނާގެ އާއި ހުޅުމާލޭގައި ހެދި، އުމަރު ޒާހިރު ބިލްޑިންގަށް ވަނީ ބަދަލުކޮށްފަ އެވެ.