މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ މީހުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އިއްޔެ އާންމުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ދަށުން، މާލެ ސަރަހައްދުން ފުލެޓާއި ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އެކިއެކި އުސޫލުތަކުގެ ދަށުން، ފުލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާ މީހުން އެ އުސޫލުތަކުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި ގޯއްޗާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލީ އިޖުރާތުތައް ބަޔާންކޮށްފައިވާ އުސޫލު ކަމަށެވެ.
އެ އުސޫލުތަކުގެ އިތުރުން، މުސްތަގުބަލުގައި މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓު ދޫކުރުމާ ގުޅޭ ގޮތުން އާންމުކުރާ އުސޫލުގެތަކުގެ ދަށުން ދޫކޮށްލާ ގޯއްޗާއި ފުލެޓު ދޫކޮށްލުމުގައި ވެސް އަމަލުކުރާނީ އިއްޔެ އާންމުކުރި މި އުސޫލުގައިވާ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ގޯތި ނުވަތަ ފުލެޓު ލިބޭއިރު، ކުރިން ލިބިފައިވާ ބޯހިޔާވަހިކަން ދޫކޮށްލަން ޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް މި އުސޫލުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެ އެވެ.
ބިން ނުވަތަ ފުލެޓު ދޫކޮށްލެވޭނެ މީހުން
އަގަކާ ނުވަތަ ބަދަލަކާ ނުލައި، ތިރީގައިވާ މީހުންނަށް ބިން ނުވަތަ ފުލެޓު ދޫކޮށްލެވިދާނެ އެވެ.
- މައިންބަފައިންނަށް: އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަށް.
- ދަރިންނަށް: އެ މީހެއްގެ އުފަން ދަރިއަކަށް.
- އަނބިމީހާ ނުވަތަ ފިރިމީހާއަށް: ތަރިކައިގެ އުސޫލުން ލިބޭ ބައި ދޫކޮށްލާއިރު.
- އެއްބަނޑުއެއްބަފާ މީހުންނަށް: ތަރިކައިގެ މައްސަލައެއްގެ ތެރެއިން އެކަކަށް ލިބޭ ބައި އަނެކަކަށް ދޫކޮށްލުމުގައި.
ދައުލަތަށް ބިން ދޫކޮށްލުން
ވަކި ހާލަތްތަކެއްގައި، އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ދައުލަތަށް ބިން ދޫކޮށްލަން ޖެހެ އެވެ. އެ ހާލަތްތަކަކީ؛
- އަލަށް ލިބޭ ގޯތީގެ ސަބަބުން ނުވަތަ ކުރީގެ ބިމުގެ ކުޑަބޮޑުމިނުގެ ސަބަބުން އިމާރާތްކުރުމަށް ދަތިވާ ހާލަތްތައް.
- ސަރުކާރުގެ ވަކި ހާއްސަ ސްކީމްތަކެއްގެ (މިސާލަކަށް "ބިންވެރިޔާ" ސްކީމް) ދަށުން ގޯތި ލިބުނު މީހުން.
ފުލެޓު ދޫކޮށްލުމުގެ ޝަރުތުތައް
- ފުލެޓު ދޫކޮށްލަން ވާނީ އެ ތަނެއް ހަވާލުކުރިއިރު ހުރި ގޮތަށް، އެކަށީގެންވާ ފެންވަރެއްގައި މަރާމާތުކުރުމަށް ފަހު.
- ފުލެޓު ދޫކޮށްލުމުގެ އިޖުރާތުތައް ފުރިހަމަކޮށް، 30 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީ އަށް އަންގަން ޖެހޭނެ.
އެ އުސޫލުގެ ބޭނުމަށް މާލެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅެވެ.
މި ސަރުކާރުން އިއުލާން ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި، މިހާރު ލިބިފައިވާ ބިމާއި ފްލެޓް ދޫކޮށްލުމުން ގޯތި ލިބޭނެ ކެޓަގަރީތައް ވަނީ ހިމަނައިފަ އެވެ.