މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އަނެއްކާވެސް ހައުސިން މިނިސްޓްރީން މިރޭ އިތުރުކޮށްފި އެވެ.

ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ދީފައި ވަނީ މި މަހުގެ މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ދިނީ މިދިޔަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. 

ނަމަވެސް، އެ މުއްދަތު މި މަހުގެ ނިޔަލަށް ފަހުން އިތުރުކުރި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހަ ކެޓަގަރީއަކުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މުއްދަތު އިތުރުކުރި ސްކީމްތަކާއި ކެޓަގަރީތައް

  1. ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫން ފުލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، ފުލެޓު ހާވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ.
  2. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ.
  3. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބިން.
  4. "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ 1 ގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
  5. "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ 2 ގެ ދަށުން، ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
  6. "ގޯތިގެދޮރު" ޕްރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި.

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ. 

ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.