ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 3 އިން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށަން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިއަދު ބިން ތައް ހަވާލު ކުރަން ފަށާނެ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އެ ސަރަހައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އަކުން ގޯތި ދޫކޮށްފައިވެ އެވެ.
އޭގެ ތެރެއިން ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ވަނީ 698 ގޯތި ދޫކޮށްފަ އެވެ.
ގޯތީގެ އަދަދުތައް:
- 3250 އަކަފޫޓުގެ 41 ގޯތި
- 3650 އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދިޔަ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ ސެޕްޓެމްބަރު 2023ގަ އެވެ.
އެ މަސައްކަތް ނިންމާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަޝްރޫއަށް މަޑުޖެހުމެއް އައީ ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.