އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ހިންގާ ސްކީމްގެ ދަށުން ހުޅުމާލޭގައި 1،000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ވަނީ ހުޅުމާލެ 3 ގައި އިމާރާތްކުރާ "އެފޯޑަބަލް ހޯމް އޯނަޝިޕް" ގެ ހައުސިން ޔުނިޓުތައް ޑިޒައިންކުރުމާއި އެ ތަން އިމާރާތްކުރަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހަޅަން އަންނަ މާޗު މަހުގެ 23 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ.  

އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން  [email protected] އަށް ހުށަހަޅަން ވަނީ އެދިފަ އެވެ.

މިނިސްޓްރީން ބުނީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އުމްރާނީ ތަރައްގީ އަށް އެހީތެރިވުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެ މީހުންގެ ގާބިލްކަން އިތުރުކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. 

އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އޭގެ ތެރެއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ބީއެމްއެލް މެދުވެރިކޮށް ވެސް 3،000 އަށް ވުރެ ގިނަ ފްލެޓު އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. 

ފަސް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން އިމާރާތް ކުރަމުން އަންނަ 3،260 ފްލެޓުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުފގަ އެވެ. އެ ފްލެޓުތައް އިމާރާތް ކުރަނީ ހުޅުމާލެ 1، ހުޅުމާލެ 3 އަދި ވިލިމާލޭގަ އެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިވާ އަގުހެޔޮ ފްލެޓުތަކުގެ މަސައްކަތްތައް ނިންމައި 2028 ވަނަ އަހަރުގެ މެދުތެރޭގައި އެ ތަންތަން އާންމުންނަށް ދޫކުރަން ފަށާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވަނީ ވިދާޅުވެފަ އެވެ.