އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ހާއްސަ ކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ދިވެހި ފަސް ކުންފުންޏަކާ އެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ހައުސިން މިނިސްޓްރީން ބުނީ މަޝްރޫއުތައް ހަވާލުކުރީ އިއުލާން ކުރުމުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަސް ކުންފުންޏާ ކަމަށެވެ.

އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ހާއްސަކޮށްގެން، އަޅާ ހައުސިން ޔުނިޓްތަކުގެ އެއްބަސްވުންތަކުގައި ދިވެހިން ހިއްސާވާ ފަސް ކުންފުންޏަކާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ހައުސިން މިނިސްޓްރީ
އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ހާއްސަކޮށްގެން، އަޅާ ހައުސިން ޔުނިޓްތަކުގެ އެއްބަސްވުންތަކުގައި ދިވެހިން ހިއްސާވާ ފަސް ކުންފުންޏަކާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ހައުސިން މިނިސްޓްރީ

އެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތައް

  • އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް

މިނިސްޓްރީން ބުނީ އެ ފްލެޓްތައް އަޅަން ނިންމާފައި ވަނީ ހުޅުުމާލެ ތިނެއްގައި ކަމަށެވެ. މި މަޝްރޫއުގެ މުއްދަތަކީ ދެ އަހަރާއި ފަސް މަސް ދުވަހެވެ.

ސަރުކާރުން އަލަށް ސޮއިކުރި މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ. އެގޮތުން އިމާރާތް ކުރާ ދެ ކޮޓަރީ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ އެވެ.

އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ހާއްސަކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓު އެއްބަސްވުންތަކުގައި ދިވެހިން ހިއްސާވާ ފަސް ކުންފުންޏަކާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ހައުސިން މިނިސްޓްރީ

ބޯހިޔާވަހިކަމުގެ އެ މަޝްރޫއު ހިންގުމުގެ ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ މީހުންނަށް އަތްފޯރާފަށުގައި ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް، ގަނެވޭނެ ފުރުސަތު ތަނަސްވަސް ކޮށްދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.