ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް ރުހުން ދޭން ރައްޔިތުންގެ މަަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފިނޭންސް މިނިސްޓަރަކަށް ޒަރީރު މިދިޔަ މަހު އައްޔަން ކުރެއްވީ ސެޕްޓެމްބަރު، 2024 އިން ފެށިގެން އެ މަގާމު ފުރުއްވި މޫސާ ޒަމީރު ސިއްހީ ސަބަބުތަކަށްޓަކައި މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅި ރިޕޯޓްގައި ބުނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުންނަން ޖެހޭ ޝަރުތުތައް ޒަރީޒުގެ ކިބައިގައި ފުރިހަމަވާ ކަމަށް އެ ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓް ފާސްކޮށް، ޒަރީރަށް ރުހުންދޭން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް އެ ވޯޓުގައި އިދިކޮޅު އެމްޑީޕީގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި ރުހުން ދިނުމުގެ މައްސަލައަށް ކުރި ބަހުސްގެ ތެރެއިން އެމްޑީޕީގެ ބައެއްގެ މެމްބަރުންގެ ނަން އިއްވައި، ތަޅުމުން ނެރުނުއިރު، އަނެއް ބައި މެމްބަރުން ވަނީ އަމިއްލައަށް ތަޅުމުން ނިކުމެވަޑައިގެންފަ އެވެ.
އެ ބަހުސްގައި އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ފިނޭންސް މިނިސްޓަރަށް ރުހުން ދެވެން ނެތް ކަމަށާއި އެެއީ ސިޔާސީ ގޮތުން މުވައްޒަފުންތައް ވަކިކުރަމުންދާތީ ކަމަށެވެ.
ސަރުކާރު ހިންގާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދައިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ ޒަރީރަކީ ވަރަށް ތަޖުރިބާކާރު އަދި ގާބިލު ބޭފުޅެއް ކަމަށެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުން ދަނީ އުސޫލުގެ ތެރެއިން ދޭންޖެހޭ އިނާޔަތްތަކާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރާ ކަމަށް އެމްޑީޕީން ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޒަރީރު އެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ. އޭގެކުރިން އޭނާ ވަނީ ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ޓެކްސް އިދާރާގައި ކުރިން ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން 2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިއުގެ މަގާމު 2007 އިން 2010 އަށް އޭނާ އަދާކުރެއްވި އެވެ.
މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރަކީ ޑރ. މުހައްމަދު ޝަފީގް އެވެ. ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު އޭނާ އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު 30، 2024 ގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ މަގާމު ފުރުއްވީ ޒަމީރެވެ.