ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނީ އިސްދޫ-ކަލައިދޫގައި ކަމަށް ކަނޑައަޅައި، އެކަން ސަރުކާރުން އިއުލާންކޮށްފި އެވެ. 

ލ. އަތޮޅުގައި ދެ ވަނަ އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެ އެއާޕޯޓް އަޅާނެ ވަކި ރަށެއް މިހާތަނަށް އޮތީ ކަނޑަނާޅަ އެވެ. 

އެއާޕޯޓް އަޅާނެ ރަށެއްގެ ގޮތުގައި އަތޮޅުގެ އެކި ރަށްތަކުން ޑިމާންޑްތައް ވެސް ކުރަމުންދިޔަ އެވެ. އެގޮތުން، ލ. މާވަށް ކައިރީގައި އަދި ލ. މެންދޫގައި އަޅަން ހުށަހެޅުންތައް ސަރުކާރަށް ލިބިފައިވެ އެވެ. 

އެ ޑިމާންޑްތަކާ އެކު ރައީސް ވިދާޅުވެފައިވަނީ އެއާޕޯޓު ތަރައްގީކުރައްވާނީ ދުރުރާސްތާއަށް ވިސްނަވައި އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ހިސާބެއްގައި އެއާޕޯޓެއް އެޅުން ކަމަށެވެ. 

ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ވީޑިއޯއެއްގައިވާ ގޮތުން ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނީ ބިމުގެ ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ހިމެނޭ އިސްދޫ-ކަލައިދޫގަ އެވެ. އެއީ އަތޮޅުގެ އެންމެ އުތުރަށް އޮންނަ ރަށެވެ. 

މިނިސްޓްރީން ބުނި ގޮތުގައި އިސްދޫ-ކަލައިދޫއަކީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެކެވެ. ރަށަށް ބޭނުން ވަނީ ފުރިހަމަ އިގުތިސޯދެއް ބިނާކުރުމުގެ ފުރުސަތު ފަހިކުރުން ކަމަށާއި އަދި ވަށައިގެން އޮތް ރަށްތަކުގެ ގުދުރަތީ ރީތިކަމާ އެކު ޓޫރިޒަމުން މަންފާ ހޯދައިދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ. 

އިސްދޫ-ކަލައިދޫ އިން ލ. އަތޮޅުގައި އޮންނަ ހަމައެކަނި އެއާޕޯޓް ކައްދޫއަށް ދާން 40 މިނެޓްގެ ދަތުރެއް ކުރަންޖެހެ އެވެ. މި އެއާޕޯޓްގެ ސަބަބުން ދަނބިދޫ އާއި މާބައިދޫގެ ރައްޔިތުންނަށް ވެސް ބޮޑު ލިޔެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ލ. ކައްދޫގައި މިވަގުތު އޮތް ހަމައެކަނި އެއާޕޯޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ ޑޮމެސްޓިކް އެއާޕޯޓެވެ.