މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގެ ފަހުން ބައިނަލްއަގުވާމީ ތައުލީމީ މުއައްސަސާތައް މެދުވެރިކޮށް އެއްވެސް ކޯހެއް ހިންގާފައި ނުވާނެ ކަމަށާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ފިޔަވަޅުއެޅީ އިތުބާރު ގެއްލުވާލަން ކަމަށް އެވިޑް ކޮލެޖުން ތުހުމަތުކޮށްފި އެވެ.
އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ނުވަތަ ސެޓްފިކެޓްތަކެއް ދޫކުރި މައްސަލައެއް ތަކުރާރު ކުރި ކަމަށް ބުނެ އެމްކިއުއޭ އިން އެ ކޮލެޖު ޖޫރިމަނާ ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. ފިޔަވަޅު އެޅުމަށް ފަހު ނެރުނު ނެރުނު ބަޔާނެއްގައި އެމްކިއުއޭ އިން ބުނީ އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީ ލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައަކާ ގުޅިގެން، މި އަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.
އެކަމަކު، އޭގެ ފަހުން ވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް އެމްކިއުއޭގެ ބަޔާނުގައި ބުންޏެވެ.
އެވިޑް ކޮލެޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި އަހަރުތަކުގައި އެކޮލެޖުން ވަނީ ބައިނަލް އަގުވާމީ ތައުލީމީ މުއައްސަސާތަކާ އެކު އެތައް ގުޅުންތަކެއް ކަށަވަރުކޮށް، އެމްކިއުއޭ އަށް އެކަން އަންގާފައި ކަމަށެވެ. އެ އޮތޯރިޓީން އެކްރިޑިޓޭޝަން ދީފައިވާ ރާއްޖޭން ބޭރުގައި ހިންގުމާ ބެހޭ އުުސޫލު ވުޖޫދަށް ގެނައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި ކަަމށް ވެސް އެ ބަޔާނުގައި ބުންޏެވެ.
" .... ދިހައެއް ސެޕްޓެމްބަރު 2025 ގެ ފަހުން އެވިޑް ކޮލެޖުން ބައިނަލްއަގުވާމީ ތައުލީމީ މުއައްސަސާތައް މެދުވެރިކޮށް އެއްވެސް ކޯހެއް ހިންގާފައެއް ނުވާނެ އެވެ. އަދި މިތާރީހުހައި އުސޫލު ގެޒެޓްކުރުމާ ގުޅިގެން އެ އުުސޫލާ ހިލާފުވާ ގޮތަށް އެއްވެސް މުއާމަލާތެއް ނުކުރެވޭނެކަމަށް ވެސް އެވިޑް ކޮލެޖުން ވާނީ އެ ބައިނަލްއަގުވާމީ ތައުލީމީ މުއައްސަސާތަކަށް އަންގައި، އެމްކިއުއޭގެ ސަމާލުކަަމަށް ވެސް ގެނެސްފަ އެވެ،" އެވިޑް ކޮލެޖްގެ ބަޔާނުގައި ބުންޏެވެ.
އެވިޑުން ތުހުމަތުކުރި ގޮތުގައި އެމްކިއުއޭ އިން އެ ކޮލަޖަށް މިފަހަރު ފިޔަވަޅު އެޅީ އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ނުކޮށް، އެ ކޮލެޖާ ސުވާލުވެސް ނުކޮށެވެ.
އެގޮތަށް ކަންތައް ކުރީ އެމްކިއުއޭގެ އިހުލާސްތެރިކަމެއް ނެތުމުން އެ ކޮލެޖާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ގެއްލުވާލަން ކަމަށް ވެސް އެވިޑްގެ ބަޔާނުގައި ބުންޏެވެ.
"... އަދި މިއީ އެވިޑް ކޮލެޖްގެ ރީތިނަން ކިލަނބުކޮށްލުމަށް ހިންގާފައިވާ އަދާލަތުގެ ހަމަތަކާ ހިލާފު އަމަލެއްކަން ކަށަވަރެެވެ،" އެވިޑްގެ ބަޔާނުގައި ބުންޏެވެ.
އެމްކިއުއޭ އިން އެވިޑަށް ފިޔަވަޅު އަޅައި ޖޫރިމަނާކުރި ނަމަވެސް ޖޫރިމަނާކުރީ ކިހާވަރަކުން ކަމެއް އެ ތޯރިޓީއަކުން އަދި އެވިޑް ކޮލެޖަކުން ވެސް ނުބުނެ އެވެ.
އެމްކިއުއޭ އިން ބުނީ އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެ އިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގުމަކީ މަނާ ކަމަކަށް ވާއިރު، އޭގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާ މެދު ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.
އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އެމްކިއުއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.