މަލާމާތާއި ފުރައްސާރަ ކުރިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި މިއަދު ފެންނަން އޮތް ހާލަތަކީ ވަޒީފާގެ ބިރަށް ވާނެ އެއްޗެއް ވާން ދޫކޮށްލައިގެން ތިބުމުގެ ނަތީޖާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ފިޒާނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮގު ތުހުމަތު އެޅުވުމާއި ޝަރީއަތަށް ގެންދާނެކަމުގެ ބިރު ދެއްކުން ފަދަ ކަންކަމަކީ ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބައެއް ތަންތަނުގެ ވެރިންގެ ފަރާތުން ކުރިމަތިވާ ކަންކަން ކަމަށެވެ.
އޭނާ ވިދާޅުވީ ގޯސްކޮށް ކަމެއް ކުރާ ނަމަ، އެއީ ކުރިން ކޮށްފައި އޮތް ކަމަކަށް ވިޔަސް ގާނޫނާއި އުސޫލުތަކުގެ ތެރެއިން އެކަމެއް ހުއްޓުވުމަކީ އޭނާގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.
"ސިޔާސީ މަގާމެއް ވީމަ މަގާމުގެ ބިރަށް ވާނެ އެއްޗެއްވާން ދޫކޮށްލުމުގެ ނަތީޖާ މިއަދު އެހެރީ ފެންނާށެވެ،" ފިޒާނާ ލިޔުއްވާފައިވެ އެވެ.
ފިޒާނާ ވިދާޅުވީ އޭނާއަކީ އަންހެނަކަށްވީތީ ފުރައްސާރަ އާއި މާލާމާތަށް ފަސްޖެހޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލު ކުރެއްވި މަސްއޫލިއްޔަތުގެ ޒިންމާގެ ބޮޑުކަން ފާހަގަ ކުރައްވައި، ފިޒާނާ ވިދާޅުވީ ގާނޫނާ ހިލާފު ކަމެއް ކުރުމަށް ވެރިން އޭނާއަށް ނާންގަވާ ކަމަށެވެ.
"އަހަރެންގެ ވެރިން ގާނޫނާ ހިލާފުކަމެއް ކުރާކަށް އަހަންނަކަށް އެއްބާރުލުން ދީ އަހަރެންނަކަށް ނާންގާނެ އެވެ. އަދި މެމްބަރަކު ވެސް ގާނޫނާ ހިލާފަށް ކަމެއް ކުރަން އަހަރެންގެ ކައިރިއަކު ނުބުނާނެ އެވެ،" ފިޒާނާ ލިޔުއްވި އެވެ.
އޭނާ ވިދާޅުވީ ކަންކަން އިސްލާހު ކުރެވޭނީ އެންމެންގެ ވެސް އެއްބާރުލުން ލިބިގެން ކަމަށެވެ. އަދި މަސްއޫލިއްޔަތު އަދާކުރަން ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ.
"ބިރުދައްކައިގެން ފަހަތަކަށް ނުޖެހޭނަމެވެ. ވެރިއަކީމެވެ. ނަމަވެސް ރައްޔިތުންގެ ހާދިމަކީމެވެ." ފިޒާނާ ލިޔުއްވާފައިވެ އެވެ.
އެމްކިއުއޭގެ ސީއީއޯގެ މަގާމަކީ ސިޔާސީ މަގާމެއްކަން އެނގިވަޑައިގަންނަވާ ކަމަަށާއި އެހެންވެ، މަގާމުން ދުރުކުރެވިދާނެކަން ވެސް އެނގިވަޑައިގަންނަވާ ކަމަަށް ފިޒާނާ ވިދާޅުވި އެވެ. ނަމަވެސް މާތްالله އޭނާއަށް މިންވަކުރައްވާފައިވާ ރިޒްގު ބަންދު ނުކުރެވޭނެ ކަމަށް ވެސް ފިޒާނާ ވިދާޅުވި އެވެ.
ފިޒާނާ މިގޮތަށް ޕޯސްޓް ކުރެއްވީ ކޮން ބައެއްގެ ފަރާތުން ފުރައްސާރަ އާއި މަލާމާތް ރައްދުވަމުންދާތީ ކަމެއް ސާފެއް ނޫނެވެ. އެކަމަކު ހުއްދަ ނުނަގައި ކޯސް ހިންގުމާއި ވަގު ސެޓްފިކެޓްތަކުގެ މައްސަލައިގައި ފިޒާނާ ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. އަދި ބައެއް ކޮލެޖްތަކާ މެދު އެމްކިއުއޭއިން ދަނީ ފިޔަވަޅު އަޅަމުންނެވެ.