ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ އާ ސަފީރަކަށް ކަނޑައެޅި ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ސަރުކާރަށް އިއްޔެ ހުށަހަޅުއްވައިފި އެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ ރާއްޖެއިން އެ ގައުމަށް ކަނޑައެޅި އާ ސަފީރު ތޯރިގު އޭނާގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީއެއް ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީ އަށް އަރުވާފައިވާ ކަމަށެވެ.
އެކަމަށްޓަކައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އަލްޝާމްސީ ރާއްޖޭގެ އާ ސަފީރަށް މަރުހަބާ ވިދާޅުވެ، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވާ ކަމަށް ވެސް ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ދެ ގައުމުގެ އާންމުންނާއި ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި، އެކި ދާއިރާތަކުން ރާއްޖެއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޔޫއޭއީން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޔޫއޭއީގެ އަންޑަސެކްރެޓަރީ ދެއްވި އެވެ.
ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ލީޑާޝިޕްގެ ދަށުން އެ ގައުމުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ހޯދަމުން އަންނަ ފާހަގަކޮށްލެވޭ ކުރިއެރުންތަކަށް ތޯރިގު ތައުރީފު ކުރެއްވި ކަމަށާއި، އަދި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި ކަމަށް ވެސް ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ މާޗު 15، 1978 ގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާ އާ ސަފީރަކަށް ތޯރިގު އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ތޯރިގު ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މި މަހު 22 ގަ އެވެ.
ޔޫއޭއީގެ ސަފީރުގެ މަގާމު އެންމެ ފަހުން ފުރުއްވީ ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އޭނާ ސަފީރުކަމުން ވަކިކުރުމާ އެކު، ޔޫއޭއީގެ ސަފީރުގެ މަގާމު ހުސްވީ އެވެ.
ތޯރިގަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރު ނިމެންދެން ތިިމާވެއްޓާ ބެހޭ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން މިހާރުގެ ރައީސް މުއިއްޒުގެ ކެބިނެޓް ފުރަތަމަ އެކުލަވައިލެއްވި އިރު ވެސް ތޯރިގަށް ދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރުކަމެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެކެއްގައި ޓޫރިޒަމް މިނިސްޓަރުކަން ދެއްވުމަށް ފަހު، މިދިޔަ އޭޕްރީލް މަހު ކެބިނެޓުން އިސްތިއުފާ ދެއްވުމާ ހަމައަށް އޭނާ ހުންނެވީ އެ މަގާމުގަ އެވެ.