އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކްތަކުގައި ބޭނުންކޮށްފައި ހުރި، އެކަމަކު ރަނގަޅު ހާލަތުގައި ހުރި ސާމާނު ބޭނުންވާ ކައުންސިލްތަކަށް ދޫކުރުމުގެ ޕްރޮގްރާމެއް އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން ހުޅުވާލައިފި އެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަނުން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން، ބޭނުންކޮށްފައިވާ ސާމާނު ބޭނުންވާ ކައުންސިލްތަކަށް ދޫކުރަން ހިންގާ އެ ޕްރޮގްރާމުގައި ދޫކުރާނީ އާ އެއްޗިއްސަށް ނުވިޔަސް އެއީ ހާލަތު ބަލައި، ބޭނުންކުރެވޭ ހާލަތުގައި ހުރިކަން ކަށަވަރުކޮށްފައިވާ ތަކެއްޗެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް އެއްޗިއްސަކީ ކުދިކުދި މަރާމާތުތައް ކޮށްލަން ޖެހިދާނެ ތަކެތި ކަަމަށް ވެސް ސާކިއުލާގައި ހައި ކޮމިޝަނުން ބުންޏެވެ.

ގެންދަން އެދޭ ކައުންސިލްތަކަށް އެ ސާމާނު ރާވާނެ ގޮތުގެ ތަފްސީލް ޕްލޭންތައް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ސާކިއުލާގައި ބުންޏެވެ.

ކައުންސިލްތަކުން ކުރަން ޖެހޭ ކަންތައްތައް

  1. މާލެ ސަރަހައްދުގައި ތަކެތި ރައްކާކޮށްފައި ހުރި ތަންތަނުން ނެގުން
  2. ބަހައްޓާ ރަށްރަށަށް ތަކެތި ގެންދިއުން
  3. ކުރަންޖެހޭ މަރާމާތެއް ކުރުމާއި ބަހައްޓާނެ ތަން ތައްޔާރުކޮށް، ބެހެއްޓުން

އޮސްޓްރޭލިއާގެ ހައި ކޮމިޝަނުގެ ސާކިއުލާގައި ބުނީ ޕާކް ހަދާ ސާމާނު ރާއްޖެއަށް ގެންނަތާ އެއް މަސްދުަވަހުގެ ތެރޭގައި، އެތަކެތި ގެންދަން އެދޭ ކައުންސިލުތަކުން ތަކެތި ގެންގޮސް ނިންމަން ވާނެ ކަމަށެވެ. 

ބޭނުންކޮށްފައިވާ ސާމާނު ބޭނުންކުރުމަކީ ކައުންސިލްތަކުން އަމިއްލައަށް އެދިގެން ކުރާ ކަަމަކަށް ވާތީ އެތަކެތި ބަލައިގަންނަން ރައްޔިތުން ގަބޫލުތޯ ބެލުމަކީ ވެސް، ސާކިއުލާގައި ބުނި ގޮތުގައި ކައުންސިލްތަކުގެ ޒިންމާއެކެވެ. އެ ސާމާނު ބޭނުންވާ ކައުންސިލްތަކުން އޮސްޓްރޭލިއާ ހައި ކޮމިޝަނަށް ހުށަހަޅަން ޖެހޭ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް، [އީއޯއައި] ގައި ވެސް ރައްޔިތުންގެ ރުހުން އޮތްކަމުގެ ކަށަވަރުކަން ހިމަނަން ޖެހޭނެ އެވެ.

ސާމާނު ބަހައްޓާނެ ތަންތަނާއި ބެހެއްޓުމަށް ފަހު މަރާމާތުކޮށް ބަލަހައްޓާނެ ގޮތުގެ ތަފްސީލު ވެސް އީއޯއައި ގައި ހިމަނަން ޖެހޭނެ އެވެ.

އީއޯއައި ހުށަހަޅަން ޖެހޭ ސުންގަޑައަކީ ޖުލައި 16 ވަަނަ ދުވަހުގެ މެންދުރު 12:00 އެވެ. އީއޯއައި ހުށަހަޅަން ޖެހޭނީ mailto:[email protected] މެދުވެރިކޮށް، އޮންލައިންކޮށެވެ.