ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑަޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް އުޅޭކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓުކުރީ ރާއްޖެއިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. 

ޑަބްލިއުއެޗްއޯ އިން ނެރެފައިވާ އެލާޓުގައިވާ ގޮތުން ރާއްޖެ އާއި މެކްސިކޯ އިން ވެސް ވަނީ ކެންސަރުގެ ފަރުވާއަށް ބޭނުންކުރާ ފޭކް އިންޖެކްޝަނެއް ފެނިގެން އެކަން ރިޕޯޓުކޮށްފަ އެވެ. 

އެ އިންޖެކްޝަން އެއްވެސް ބަލި މީހެއްގެ ގަޔަށް ޖެހިފައިވޭތޯ ސުވާލުކުރުމުން، ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ އިންޖެކްޝަން ފެނިގެން ޑަބްލިއުއެޗްއޯއަށް ރާއްޖެއިން ރިޕޯޓުކުރުމަކީ ރާއްޖޭގެ މޮނިޓަރިން ވަރުގަދަކަން އަންގައިދޭ ކަމެއް ކަމަށާއި އެކަމާ ދިވެހިން ފަހުރުވެރިވާން ޖެހޭ ކަަމަށެވެ.

ރާއްޖެ ކަހަލަ ކުޑަ ގައުމަކުން އަމިއްލައަށް އެކަން ރިޕޯޓުކުރުމަކީ ރާއްޖޭގައި ބޭސްތައް ޓެސްޓުކުރުމުގެ ނިޒާމު ހަރުދަނާކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އެކަން އެންމެ ފުރަތަމަ ރިޕޯޓުކުރި ގައުމަކީ ވެސް ރާއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑަބްލިއުއެޗްއޯ އިން ނެރެފައިވާ އެލާޓުގައިވާ ގޮތުން، ފޭކް އިންޖެކްޝަންތަކެއް ފެނުނު މައްސަލަ ދެ ގައުމުން ރިޕޯޓުކޮށްފައި ވަނީ މެއި އަދި ޖޫންގަ އެވެ. 

ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި އެންމެ ކަންބޮޑުވާ ކަމަކީ ބައެއް ހޮސްޕިޓަލްތަކަށް އެ ބޭސް ލިބިފައިވުމެވެ. އަދި އެއީ ބޭސް ފޯރުކޮށްދިނުމުގެ ބައިނަލްއަގްވާމީ ނިޒާމާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ. 

ފޭކް އިންޖެކްޝަން ސަޕްލައިކޮށްފައި ވަނީ ހުއްދަ ނެތް ޑިސްޓްރިބިއުޓަރުން މެދުވެރިކޮށެވެ.

"ޑާޒަލެކްސް" އަކީ ކަށީގެ މަދު (ބޯންމެރޯ) ގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ.

އެއީ ތަފާތު ބާވަތްތަކުގެ ކެންސަރު ބައްޔަށް ފަރުވާ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބޭހެކެވެ. އެހެންވެ، އެ ބޭހުގެ ފެންވަރު ދަށް އުފެއްދުންތަކެއް ދައުރުވުމަކީ ބަލިމީހުންނަށް ދޭންޖެހޭ ފަރުވާ ލަސްވުމާއި ފަރުވާ ކާމިޔާބު ނުވުމާއި އަދި ފުރާނައަށް ނުރައްކާވާ ފަދަ ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ. 

ޑަބްލިއުއެޗްއޯއިން ވަނީ ސިއްހީ އުފެއްދުންތަކެއްގެ ނަމުގައި އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ އެ ބެޗްތަކުގެ ނަމްބަރުތަކެއް ދެނެގަނެފަ އެވެ. އަދި އެ ބޭސް އުފައްދާ ކުންފުނި ކަމަށްވާ ޖޭންސެންއާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ ގޮތުގައި MYS7381 އަދި STV1K01 ނަމްބަރު ޖަހާފައިވާ އެ ބޭހުގެ ބެޗްތަކަކީ ސައްހަ ބެޗްތަކެއް ނޫނެވެ.

އެހެންކަމުން "ޑާޒަލެކްސް" ބޭހުގެ އެ ނަމްބަރުތައް ޖަހާފައިވާ ބޭސް ބޭނުން ނުކުރުމަށް ވަނީ އަންގަައިފަ އެވެ.