ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން މަގާމުތައް ކަނޑައަޅައި އެ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ގޮތަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
އެ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހު ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ރޭ ގެޒެޓުކޮށްފައިވާއިރު އޭގައި ބުނީ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ހަމަހަމަ އުސޫލުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމުގެ ގޮތުން ހާއްސަ އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ހާއްސަ ގަވާއިދެއް ކަމަށާއި އެ ގަވާއިދަށް ރާއްޖޭގައި ވަޒީފާދޭ ހުރިހާ އިދާރާތަކުން ވެސް އަމަލުކުރަންވާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު ފުރިހަމަކުރުމާއި އެ ފޯމު ހުށަހެޅުމާއި ބަަލައިގަތުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހީތެރިކަމަށް އެދިއްޖެ ނަމަ، ވަޒީފާދޭ ފަރާތުންނާއި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. އަދި ވަޒީފާ ދޭ ހުރިހާ އިދާރާތަކުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެމީހުންނަށް ހާއްސަކޮށްގެން މަގާމުތައް ކަނޑައަޅައި އެ މީހުންނަށް ވަޒީފާ ފޯރުކޮށްދޭންޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ގަވާއިދުގައި ވަނީ އެ މީހުންނަށް ވަޒީފާ ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ވާނީ ތިން މިންގަނޑަކާ އެއްގޮތަށް ކަމަށެވެ. އެއީ؛
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މިންގަނޑު.
- ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމަށް ވަޒީފާދޭ ފަރާތުން ގެންނަންޖެހޭ ސަބަބުވެރި ބަދަލުތަކުގެ މިންގަނޑު.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު.
އިސްލާހުގައިވާ ގޮތުން ސްކޫލުތަކުގައި ކިޔަވައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ފިޔަވައި ނުކުޅެދުންތެރިކަން ހުންނަ އެ ނޫން މީހުންގެ ކޮމްޕިޓެންސީ ޕްރޮއިފައިލް މިނިސްޓްރީން ތައްޔާރުކުރަން ޖެހެ އެވެ. އެ މީހުންގެ ތެރެއިން ވަޒީފާއަށް އެދޭ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވާ މީހުންގެ ކޮމްޕިޓެންސީ ޕްރޮފައިލް އެކުލަވާލާތާ ހަތް ދުވަހުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިއްސާކުރަންޖެހެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ މެމްބަރުން ވަކިކުރެވޭނެ ގޮތަށް ވެސް އިސްލާހު ގެނެސްފައިވެ އެވެ. އޭގައި ބުނަނީ އެ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ އެއްވެސް މެމްބަރަކު މަޖުބޫރު އުޒުރެއްނެތި ވިދިވިދިގެން ތިން ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ، އެ މެމްބަރަކަށް އެކަން އަންގައި ވަކިކުރުމުގެ ބާރު މިނިސްޓްރަށް ލިބިގެންވާ ކަމަށެވެ.
ކުރިން އެ ގަވާއިދުގައި އޮންނަނީ މަދުވެގެން މަހެއްގެ މައްޗަށް ބޭއްވޭ ބައްދަލުވުންތަކުގެ 70 ޕަސެންޓް ބައްދަލުވުންތަކަށް ހާޒިރު ނުވެއްޖެ ނަމަ، ނުވަތަ މަގުބޫލު އުޒުރެއްނެތި ވިދިވިދިގެން ކޮމިޓީގެ ތިން ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ، އެ މެންބަރަކަށް އެކަން ލިޔުމުން އަންގައި، މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.
ގަވާއިދުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ވަޒީފާގައި ދެމިހުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތް ވަޒީފާ އައްޔަންކުރާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ މީހަކު ވަޒީފާ އަދާކުރާ ތަނާއި ވަޒީފާގެ މަސްއޫލިއްޔަތާއި ސުޕަވައިޒަރުގެ މައުލޫމާތު ފަދަ ކަންކަން އެނގޭ ގޮތަށް ވަޒީފާ ދޭ ފަރާތުން އެކަންކަން މިނިސްޓްރީއާ ހިއްސާކުރަން ޖެހެ އެވެ.
އެމީހުން ވަޒީފާގައި ދެމި ތިއްބުމުގެ ގޮތުން އެ މީހުންނަށާއި ވަޒީފާދޭ ފަރާތަށް އަމާޒުކޮށްގެން ސެންސިޓައިޒޭޝަން ޕްރޮގްރާމުތައް ހިންގަން ޖެހެ އެވެ. އަދި މަސައްކަތުގެ މާހައުލުގައި ގެންނަންޖެހޭ ސަބަބުވެރި ބަދަލުތައް ގެނައުމަށް މިނިސްޓްރީން ދެ ފަރާތާ ގުޅިގެން ގަވާއިދުން މޮނިޓަރިން މަސައްކަތްތައް ރާވާ ކުރިއަށް ގެންދަންޖެހެ އެވެ.