ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އިން ދީފައިވާ ވަޒީފާގެ މުއްދަތު އިތުރުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނުގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރެއިން "ހާއްސަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަގީންކޮށްދިނުން" ޕްރޮގްރާމްގެ ދަށުން ތިން މަސް ދުވަހަށް ސިވިލް ސާވިސްގެ ވަޒީފާ ހަމަޖައްސާދީފައިވާ މީހުންގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ގާތްވެފައިވާ ކަމަށެވެ.
އެހެންވެ، އެ މުއްދަތުގައި އެ މީހުން ކޮށްފައިވާ މަސައްކަތާއި ގާބިލް ކަމަށް ބެލުމަށްފަހު އެއްބަސްވުމުގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.
ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު "މިހާރު" އަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ފެށި އެ ޕްރޮގްރާމުން ސަރުކާރުގެ ކުންފުނިތަކުން ވެސް ވަޒީފާ ހަމަޖައްސާފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ސިވިލް ސާވިސްގެ ދާއިރާތަކުން 100-300 މީހުންނަށް އޭރު ވަޒީފާ ހަމަޖެއްސި ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް، އޭގެ ތެރެއިން ވަޒީފާގެ މުއްދަތު އިތުރުކުރަން ނިންމި މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.
"މަސައްކަތުގެ މާހައުލާ ގުޅޭތޯ، ހުރިހާ ކަމެއް ބަލާފައި އެއް އަހަރަށް އިތުރުކުރަނީ. އަދި އެ މުއްދަތުގެ ފެންވަރު ބަލާފައި ވަޒީފާ ދާއިމީކުރުމާ މެދު ގޮތެއް ނިންމާނީ." ސައީދު ވިދާޅުވި އެވެ.