ވަޒީފާގެ އެކި މައްސަލަތަކުގައި ބަދަލުގެ ގޮތުގައި 2022 ވަނަ އަހަރު 1.4 މިލިއަން ރުފިޔާ ދޭން ޖެހުނު.
ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިން: ގާނޫނާ ހިލާފަށް ސިވިލް ސާވިސްގެ މުވައްޒަފުން ވަކިކުރުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވޭ --- ފޮޓޯ/މިހާރު
27 އޮކްޓޯބަރ 2025 - 17:46
ގާނޫނާ ހިލާފަށް ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ބައިވެރިވާ ފަރާތްތަކާއި އަދި ވަޒީފާގެ މައްސަލަތައް ކޯޓުތަކުގައި އިސްތިއުނާފް ކުރުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަންގަވައިފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒީ ސޮއިކުރައްވައި، މިދިޔަ ހަފުތާގައި ނެރުއްވި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރު ވަޒީފާގެ އެކި މައްސަލަތަކުގައި 1.4 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ޖެހުނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް އިސްތިއުނާފް ނުކުރެވި، ބަދަލު ދޭން ޖެހުނީ ކޮމިޝަންގެ ފަރާތުން އިސްތިއުނާފް ފީ ދެއްކުމުގައި އިހުމާލުވުމުން ކަމަށާއި ގާނޫނީ ހިލާފަށް މީހުން ވަކިކުރުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ނެތް ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އެހެންކަމުން، ގާނޫނީ އިޖުރައާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވަކިކުރުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ސީއެސްސީން އެކުލަވާލަންޖެހޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި ވަޒީފާގެ މައްސަލަތައް ސީއެސްސީއަށް ނާކާމިޔާބުވުމުން އިސްތިއުނާފްކުރަން ނިންމާ ހާލަތްތަކުގައި، އެ މައްސަލަތައް އިސްތިއުނާފް ކުރުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ އެންމެ ދިގު މުއްދަތު ގާނޫނުގައި ކަނޑައަޅާފައި ނެތުމުން، އެގޮތަށް ބަދަލު ނަގައިދެވޭނެ އެންމެ ދިގު މުއްދަތެއް ވެސް ގާނޫނުގައި ހިމަނައި އަދި ގަވާއިދުތަކުގައި ވެސް އެކަން ހިމަނަން ޖެހެ އެވެ.
މީގެ އިތުރުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުން ބަދަލު ދޭންޖެހޭ ހާލަތްތަކުގައި ޕެންޝަނަށް ދައްކަންޖެހޭ ފައިސާތައް ވެސް ގަވާއިދާ އެއްގޮތަށް ހިސާބުކޮށް، ޕެންޝަން އޮފީހަށް ދައްކާފައި ނުވާތީ އެ ފައިސާ ވެސް ދެއްކުމަށް އޮޑިޓާ ޖެނެރަލް އެ ރިޕޯޓުގައި އަންގަވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަކީލް
27 October 2025
ހައްޖުކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަކީ އޭގެ މިސާލެއް
ބަހުޅޫ
27 October 2025
މިހާރު ކުރަންވީ ކަމަކީ ގޯސްކޮށް ވަޒީފާއަށް ވައްދާ މީހުން ވަކިިކުރަންވީ
އެންމެން ސިޔާސީ އެއްނޫންކަން ދަނޭ
28 October 2025
ވަރަށް ރަނގަޅު ވާހަކައެއް. މަތިން އޯޑަރު އައިސްގެން މަތިން ވެއްޓެނީ މެނޭޖަރު ލެވެލްއަށް އެވެސް. މެމްބަރު ބުނެގެން ވަޒީފާ ދިނުން ހުއްޓުވަންވީ. ނޫނީ ޖަގަހައިން އަންގައިގެން. ފެންވަރެއްވެސް ނުހުރޭ. މޭފުއްޕަން ފަށަނީ ފުރަތަމަ ދުވަހުވެސް އެހެންވެ. ރީތިގޮތުގަ އަންނަންވީ. މިމީސްމީހުންނަށް ހީވަނީ އޮފީސްތަކަކީ މީ ޖަގަހައޭ.
އަސަރީ
27 October 2025
ގޯސްކޮށް ވަޒީފާއިން ވަކިކުރާ މީހުންނާއި މެދު ފިޔަވަޅު އެޅެންޖެހޭނެއެވެ. ގަވާއިދާ ޚިލާފަށް ވަޒިފާއިން ވަކިކުރާ މީހާއަށް ކުރެވިދާނެ ދައުވާއަކީ މަގާމުގެ ގޮތުން ނުފޫޒް ބޭނުން ކުރިކަމުގެ ދައުވާވެސް ކުރެވިދާނެއެވެ.
58
27 October 2025
ގޯސްކޮށް ވަޒީފާއިން ވަކިކުރާމީހުންނަށް ފިޔަވަޅުއަޅާފާ ގޯސްކޮށް ވަޒީފާގާ އުޅޭމީހުންނަށްވެސް ފިޔަވަޅު އަޅާންޖެހޭ.