އޮޑިޓާ ޖެނެރަލް ނިޔާޒީ ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
09 ނޮވެމްބަރ 2025 - 16:07
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތަފުސީލު ހިމަނާފައި ވެސް ނެތް ކަމަށާއި ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު މިހާރު "އިބިލީހުގެ ކައިވެންޏަށް" ވެއްޖެ ކަމަށް ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން ނިޔާޒީ ވިދާޅުވީ، ސަރުކާރަށް ދަރަނި ކުޑަނުކުރެވެނީ އިންތިހާ އަށް ހަރަދު ބޮޑުވުމުން ކަމަށެވެ. އަދި މިހާރު ހަރަދު ކުރުން އޮތީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތު މި ހުންނަނީ ސަސްޓެއިނަބަލް ލެވަލެއްގައެއް ނޫން. އަޅުގަނޑުމެން އެންމެންނަށް ވެސް އެކަން އެބަ އެނގޭ. ފަސްކުރަމުން ލަސްކުރަމުން މިދަނީ ކޮންމެ އަހަރަކު ވެސް. ދަމުން ދަމުން ގޮސް އަޅުގަނޑުމެން ކިހާ ހިސާބަކުތޯ ފަސްކުރެވޭނީ؟،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
"ހަރަދު ކުޑަކުރުމުގެ ކަންކަން މިހާރު މިއޮތީ އިބިލީހުގެ ކައިވެންޏަށް ވާގޮތަށް ވެފައި."
ބަޖެޓު ކޮމިޓީގެ ބައެއް މެންބަރުން: ބަޖެޓުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެހެން އަހަރުތަކުގެ ބަޖެޓު ފޮތުގައި ހިމަނާފައި އޮތަސް މި އަހަރު އެ ކަން ފެންނަން ނެތް ކަމަށް ވެސް ކަންބޮޑުވުމާ އެކު އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
"އުސޫލެއްގެ ގޮތުން އެއްގޮތަކަށް ރަނގަޅު. ނުކުރާ ކަމެއް ކޮންމެހެން ޖަހާނެ ކަމެއް ވެސް ނެތް. އެކަމަކު އަޅުގަނޑުމެންނަށް ކިހާ ހިސާބަކަށްތޯ މިކަން ފަސްކުރެވޭނީ؟ އެއީތާ ބަލަން ޖެހޭ ކަމަކީ،" އޭނާ ވިދާޅުވި އެވެ.
ނިޔާޒީ ވިދާޅުވި ގޮތުގައި، ހަރަދުތައް ކުޑަ ނުކުރާ ނަމަ ދަރަނީގެ ގޮންޖެހުމަށް ލުޔެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި ދަރަނި އިތުރަށް ބޮޑުވަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒީ ވަނީ އަންނަ އަހަރުގެ ބަޖެޓު މަޖިލިހުން ފާސްކުރާއިރު ވެސް ހަރަދުތައް ކުޑަކުރެވޭނެ އުސޫލުތަކެއް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅަން އެދެން ލަފާދެއްވައިފަ އެވެ.
ނިޔާޒީ ވިދާޅުވީ، ބަޖެޓުގައި ހުރި އެހެން ކަންކަމާ ގުޅޭ ގޮތުން ބަޖެޓު ފޮތުގައި ޕްރޮޖެކްޓްތަކުގެ ތަފުސީލުތައް ހުރުމަކީ އެންމެ ރަނގަޅު "ބެސްޓް ޕްރެކްޓިސް" ކަމަށެވެ. އެހެންވެ، އެ ތަފުސީލުތައް ދެފުށް ފެންނަ އުސޫލަކުން ހާމަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮޖެކްޓްތައް ރަށްރަށުގައި ހިންގަން ކަނޑައަޅާފައިވަނީ ކޮން އުސޫލުތަކުން ކަން އެނގެން ޖެހޭއިރު، ބަޖެޓުގައި އެކަން ހާމަ ނުކުރިއަސް، އެކަން އެގޮތަށް ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރަ ބަޖެޓު ފޮތް. އަންނަ އަހަރަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް -- ފޮޓޯ: ނިޝާން އަލީ| މިހާރު
"މަޖިލީހުން ބަޖެޓެއް ފާސްކުރައްވާ އިރު ތިބޭފުޅުންނަށް އެކަންކަން [ޕްރޮޖެކްޓްތަކުގެ ތަފްސީލު] ހަމަޖެހިފައި އޮތީ ކިހިނެތްތޯ އެނގުން، އަޅުގަނޑުމެން އޮޑިޓް ކުރާއިރު އެ ލިބޭ. އެހެން ނަމަވެސް، ބަޖެޓު ފޮތުގައެއް ނެތް،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
ބަޖެޓާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ދިން ލަފާގައި ވަނީ، އަންނަ އަހަރު ބޮޑު ދަރަނި އަދާކުރުމުގެ ޕްލޭނެއް ފިނޭންސް މިނިސްޓްރީގައި އެބަ އޮތް ކަމަށާއި އެކަމަކު އެ އަޅާ ފިޔަވަޅުތަކުން ދަރަނީގެ ޕޯޓްފޯލިއޯ އިތުރުވާނެ ކަމަށެވެ. އެކަން ހައްލުކުރުމަށް މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީތަކުގައި ކަނޑައަޅަފައިވާ ކަންކަމާ އެއްގޮތަށް އަމަލުކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ލަފާދިނެވެ.
ފިސްކަލް ހާލަތު އެހާ ގޯސްވެފައި އޮތުމުން ބޭރުން ދަރަނި ހޯދުމަށް މިދިޔަ އަހަރުތަކުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި އިރު ޑޮމެސްޓިކް ދަރަންޏަށް އިތުރަށް ޕްރެޝަރު ބޮޑުވެފައިވާކަން ވެސް އޮޑިޓް އޮފީހުން ފާހަގަކުރި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާނު
11 November 2025
ޕްރޮފެޝަނަލްކޮށް ވާހަކަފުޅު ދައްކަވަން ދަސްކުރައްވަން ފެންނަނީ ނިޔާޒީ. ތީ ސިޔާސީ ހަރުގެއެއްގަ ދއްކާކަހަލަވާހަކަ.
ލާފްމް
11 November 2025
ބަޖެޓު ފޮތް ފެނުނަސް އިސްރާފު ކުރާވަރު ހާމަވޭ! ކުޑަ ކުދިންގެ ވާހަކަ ފޮތެއް ގޮތަށް އޮތީ! އެއްވެސް ތަޖުރިބާ އެއް ނެތް ބައެއް! ރައްޔިތުންނަށް ހުރިހާ ދެރައެއް!
އައިމިނާ
10 November 2025
ތިޔަވަރަށް ބަވަން ޖެހުނީމަ ނުބަވާ އިސްތިއުފާދޭންޖެހޭނީ. ދެން އެއަށްފަހު ބަވާނީ. އެ ގޮތް ގަބޫލުކޮށްގެން އޯކޭވީމަ ތާ މަގާމުގަ ހުންނެވީ. ގޯސްކޮށް ކަމެއް ދާހެނެއް ހިއެއްނުވޭ.
ކޮމޮޑަސް
10 November 2025
އޮޑިޓަރުން އެ ހާމަކޮށްދިނީ އެމީހުންނަކީ ސަމާސަ ބައެއް ނޫންކަން. މި ގައުމަށް މުހިންމީ މިކަހަލަ މުވައްސަސާތަކާއި އަދި މުވައްޒަފުން. އަހަންނަށްވެސް އެނގޭ ހުރިހާ މިނިވަން މުވައްސަސާއެއްގެ އެންމެނަކީ ޗާޓަޑް އެކައުންޓަންޓުންނަށް ނޫނީ ފައިނޭންސް ދާއިރާގެ މީހުނަށް ވާނޭ ބައެއް ނޫންކަން. އެކަމަކު، އެމީހުންގެ އެ ނުގުޑާ އެތިކްސް އަދި ނަޒާހަތްތެރިކަމަކީ ދެން ހުރި ހުރިހާ މުވައްސަސާތަކަށް ލާމަސީލު މިސާލެކެވެ.
އަހުސަން
10 November 2025
ދޫނިރާއްޖޭގައި ގިނަމީހުންނަށް ވިސްނޭ ބަހުރުވައިން ވާހަކަދެއްކީ. ނިޔާޒީ އަކީ ސީމާ ޔޫކޭގެ އިމްތިހާނެއްގައި އެއް ސަބްޖެކްޓުން މުޅިދުނިޔޭގެ ރެކޯޑްވެސް މުގުރާލި މޮޅު ޗާރޓެޑް އެކައުންޓެންޓެއް. ދެން ވަކިމީހަކު ކޯފާވެގެން އޭނާގެ ނޯކޮންފިޑެންސެއް ނަގާ މަގާމުން ވަކިކުރީމާ ދެރަވާނީ އޭނާއާއި އޭނާގެ އާއިލާއަށްތޯ ނުވަތަ ދޫނިރާއްޖެއަށްތޯ.
ކޮސް
10 November 2025
ކިޔެވީ ޢިމާރާތް ކުރަން. އެކަމަކު ބުރިޖުންވެސް ލޭނެއް އޮތީ ގެއްލިފަ. ހިޔާފުލެޓުތަކުގެ ކަރަންޓު ފޮށިތައް ހުރީ ބޭރުގަ. ފޭސް 2 ގެ މަގުތައް އެހުރީ ތަނުގާހުރި ޢިމާރާތްތަކާއި ނުގުޅޭހާ ހަނިކޮށް.މާފަންނުކޮޅުގަ ހުރި އެންމެ ބޮޑު ގެސްޓުހައުސް އެކަނި ރަނގަޅަށް ހެދުނީ.
ޔފޔޔރގ
09 November 2025
ނިޔާޒި މިފަހަރު ހޫނުފެނަށް ވެއްޓޭނެއެވެ. ކުރާނެކަމެއްނެތެވެ.
ކަލް ދޯބަޖޭ
09 November 2025
މަނިކުފާނުގެ ކަންތައް ހަމަވީތި.
ސަނީން
09 November 2025
ސަރުކާރަށް ސަނާކިޔާ ބޮޑެތި ރިޕޯޓުތައް ނެރެދީގެން އަމިއްލަ އޮފީހުގެ މުސާރަ ބޮޑުކޮށްލަންވީމަ އޯކޭ، އެކަމު ހަރަދުކުޑަމުރަންޖެހޭ އެހެންމީހުން. އަމިއްލައަށް ބޮނޑިކޮށްފަ އެހެންމީހުން ބިކަލުރުމުގެ ވިސްނުން މިގެންގުޅެނީ. އޮޑިޓް އޮފީހުގެ ބަޖެޓާއި މުސާރަކުޑަކޮށްފަ ދެން ތިވާހަކަދެއްކިނަަމަ އިޙްލާސްތެރިކަމާއެކު ދެއްކި ވާހަކައަކަށް ވީހީ.
ހާނޖީ
09 November 2025
މިބޭފުޅާ މިމަޤާމުގައި ހުންނަވާނެ އެންމެފަހު ދުވަސްތަށް ގުނަމުން އެދަނީ ...