ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވި އެންމެ މުހިންމު އެއް ވާހަކައަކީ މިއީ އެވެ؛ ފިސްކަލް ރެސްޕޮންސިބިލިޓީގެ ގާނޫނު ވެސް އެންމެންގެ ކުރިމަތީގައި އޮތް ކަން ހަނދާން ކޮށްދެއްވަމުން އޭނާ ވިދާޅުވީ ހަރަދުތައް އިތުރު ކުރަން ޖެހޭނީ ދައުލަތަށް އާމްދަނީ ލިބޭ ނިސްބަތަކުން ކަމަށެވެ.
ސަރުކާރުން ހަރަދުތައް ކުރުމުގައި އެ ހަމަ ހިފަހައްޓަން އޭނާ އެދިވަޑައިގަތެވެ. ހާއްސަކޮށް ރިކަރެންޓު ހަރަދު ކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަކީ އެމްއެމްއޭގެ ގަވަރުނަރުގެ އެންމެ ބޮޑު އެއް އިލްތިމާސް އެވެ.
އެކަމަކު، ހަމައެކަނި ތަފާތަކީ މިއީ 2026 ވަނަ އަހަރު ކަމަށް ވުމާއި ބަޖެޓުގައި ހުރި ހިސާބު އަދަދުތަކެވެ. މިދިޔަ ހައެއްކަ އަހަރަށް ބެލިޔަސް އެމްއެމްއޭގެ ގަވަރުނަރު ދެއްކެވީ ގާތްގަނޑަކަށް ހަމަ އެއް ވާހަކައެކެވެ. ނަތީޖާއަކާ ހަމައަށް ނުދެވި، ކުރެވޭ ކަމަކީ ވާހަކަ ތަކުރާރު ކުރެއްވުމެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ދޭ ލަފާތަކުގެ އެންމެ ކުރީގައި ވެސް އޮންނަނީ ހަމަ މި ވާހަކަ އެވެ.
މަރުކަޒީ ބޭންކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މިކަން ހަނދާންކޮށްދެމުން އައި ނަމަވެސް މި ފަހަރު ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓްގެ 42.7 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ 71.5 ޕަސެންޓެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ މެދުގައި އެމްއެމްއޭ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ވެސް އެންމެ ބޮޑު ކަންބޮޑުވުން އޮތީ މިކަމުގަ އެވެ.
"ޖުމްލަ ގޮތެއްގައި މިދިޔަ އަހަރަށް ވުރެ ބަޖެޓް ކުޑަވިކަމުގައި ވިޔަސް އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އެބަހުރި، ހާއްސަ ގޮތެއްގައި ދެންމެ ތިޔަ ފާހަގަކުރެއްވި ގޮތަށް ބަޖެޓްގެ ޑެފިިސިޓް ބޮޑުވުމަކީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް،" ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިދިޔަ ހަފުތާގައި ވާހަކަ ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.
"ކޮންމެ އަހަރެއްގައި ވެސް ޑެފިސިޓް ބޮޑުވަންޏާ އޭގެ މާނައަކީ ދަރަނި އިތުރުވަމުންނޭ އެ ދަނީ."
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވި ގޮތުގައި ޑެފިސިޓް ބޮޑުވާ މައިގަނޑު ސަބަބަކީ ލިބޭނެކަން ޔަގީން ނުވާ އާމްދަނީއެއް ބަޖެޓްގައި ޖަހައި، އެ އަށް ބިނާކޮށް ހަރަދުތައް ކުރަމުން ގެންދިއުމެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި އެބަހުރި އާމްދަނީ ހޯދުމަށް ބަޖެޓްގައި އަންދާޒާ އަދަދުތަކެއް ޖަހާފައި. އެ އަށް ބަލާފައި ހަރަދުތަކެއް ވެސް އެބަ ހިމަނާ. އެހެންވީމާ އޭގެ ސަބަބުން އަދި ޑެފިސިޓް އިތުރުވެގެން ވެސް ދޭ،" ނިޔާޒީ ވިދާޅުވި އެވެ.
"އެހެންވީމާ ޔަގީންކަމާ އެއްކޮށް ނުލިބޭނެ އާމްދަނީއެއް ބަޖެޓްގައި ނުހިމެނުން ކަން ނޭނގޭ އުސޫލެއްގެ ގޮތުން މުހިއްމީ."
ހަރަދު ބޮޑުވާ މައިގަނޑު ސަބަބުތައް
ދައުލަތުގެ ހަރަދު ބޮޑުވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އެމްއެމްއޭ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް ފާހަގަކުރީ ގާތްގަނޑަކަށް އެއް ކަންތައްތަކެކެވެ. ދައުލަތުގެ މުަވައްޒަފުން އިތުރު ވުމާއި މުސާރައަށް ބޮޑު ހޭދައެއް ކުރަން ޖެހުމެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް ދޭ މުސާރަ އިތުރުކުރުމުގެ ބަދަލުގައި މުހިއްމީ ކެޕިޓަލް ހަރަދު އިތުރުކުރުމެވެ.
"ރިކަރަންޓް ހަރަދު އިތުރުވުމުން، ހާއްސަކޮށް މީހުންނަށް ދޭ މުސާރަ އިތުރުވުމުން އެއިން އައުޓްޕުޓްތަކެއް އިތުރުވެގެން ދަނީއެއް ނޫން. އެހެންވީމާ އެއާ ހިލާފަށް އަޅުގަނޑުމެންނަށް ކެޕިޓަލް އެކްސްޕެންޑިޗާ އިތުރުކުރުން މުހިއްމު،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުނައްވަރު ވިދާޅުވި އެވެ.
ބަޖެޓް ކޮޮމިޓީއަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހުށަހެޅި ލަފާގައި ފާހަގަކުރި ގޮތުގައި މުވައްޒަފުންނަށް ކުރާ ހަރަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އެ ހަަރަދު ބޮޑުވި އެއް ސަބަބަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރަން ތަންފީޒުކުރި ސިޔާސަތުގެ ސަބަބުން އެތައްް ބައެއްގެ މުސާރަ ބޮޑުވުމެވެ.
"އެހެން ކަމުން ފާއިތުވެ ދިޔަ އަހަރުތަކުގައި މުސާރަތައް ބޮޑުވެ، ދައުލަތުގެ މުވައްޒަފުން ވެސް އިތުރުވަމުން ދިއުމާ ގުޅިގެން މުސާރައަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވެގެން އެބަ ދޭ،" އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ލަފާގައި ވެ އެވެ.
ދައުލަތުގެ ހަރަދު އަަހަރުން އަހަރަށް އިތުރުވާ ދެވަނަ ސަބަބަކީ ތެޔޮ ގަންނަން ކުރާ ހޭދަ އިތުރުވަމުން ދިއުމާ އެކުގައި ވެސް ތެޔޮ ސަބްސިޑައިޒްކޮށް، އެކަމުގެ ބުރަ ދައުލަތުން އުފުލުމެވެ.
އެމްއެމްއޭގެ ލަފާގައި ވެސް ބުނީ ސަރުކާރުން ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރަނީ ސަރުކާރުން ދޭ އެހީ އާއި އިޝްތިރާކާއި ސަބްސިޑީއަށް ކަމަށާއި ތެލާއި ކަރަންޓް ސަބްސިޑީއަށް ކުރާ ހަރަދު އަންނަ އަހަރު ދަށްވާނެ ކަމަށް ލަފާކޮށްފައި ވިޔަސް މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ތެލުގެ އަގު އިތުރަށް ބޮޑުވުމުގެ ރިސްކު އެބަ އޮތް ކަމަށެވެ.
އަޅަން ލަފާދިން ފިޔަވަޅުތައް
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ޓަކައި އަޅަންޖެހޭ މުހިއްމު އެއް ފިޔަވަޅެއްގެ ގޮތުގައި އެމްްއެެމްއޭއިން ފާހަގަކުރީ ސަރުކާރުންދޭ ސަބްސިޑީތައް "ބްލޭންކެޓްކޮށް" އެންމެންނަށް ދިނުމުގެ ބަދަލުގައި "ޓާގެޓެޑް ސަބްސިޑީ" އަށް ބަދަލުކުރުމެވެ. އެއީ ސަރުކާރުން މިހާރު ވެސް އިއުލާނުކޮށްފައިވާ ކަމަކަށް ވާތީ އެމްްއެމްއޭގެ ލަފާގައި ބުނީ އެ ފިޔަވަޅު ތަންފީޒުކުރުން ވަރަށް މުުހިއްމު ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް ބުނީ ދައުލަތުން ސަބްސިޑީއަށް ކުރާ ހޭދަ އަހަރުން އަހަރަށްް އިތުރުވާ މައިގަނޑު އެއް ސަބަބަކީ ސަބްސިޑީތައް އިތުރުވުން ކަމަށެވެ. އަހަރެއް ފެށޭ އިރު ބަޖެޓްގައި ނުހިމަނާ ހުންނަ ބައެއް ސަބްސިޑީތައް އަހަރުގެ މެދުތެރެއިން ތައާރަފްކުރާކަން އެ އޮފީހުން ފާހަގަކުރި އެވެ.
ތެޔޮ ގަތުމަށާއި ތެލުގެ ސަބްސިޑީއަށް ކުރަންޖެހޭ ހަރަދު ކުޑަކުރަން އެމްއެމްއޭ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް ހުށަހެޅި ފިޔަވަޅަކީ އިއާދަކުރަނިވި ވަސީލަތްތަކުން ހަހަކަތަ އުފައްދާ މިންވަރު އިތުރުކުރުމެވެ.
"އަޅުގަނޑުމެންގެ ރިކޮމެންޑޭޝަނަކީ އެހެން ސޯސްތަކަށް އިންވެސްޓް ކުރުމުގެ މުހިއްމުކަން އިނގޭތޯ، ހަމައެކަނި ފިއުލްއަށް ބަރޯސާވުމުގެ ބަަދަލުގައި އެނާޖީގެ އެހެން ދާއިރާތަކަށް ވެސް އިންވެސްޓްކޮށް، އެ ދާއިރާތަކުން އެ އެފިޝަންސީ ހޯދުމުގެ މުހިއްމުކަން،" އޮޑިޓަ ޖެނެރަލްގެ އޮފީހުން ބަޖެޓަށް ދޭ ލަފާ ހުށަހަޅުއްވަމުން އެ އޮފީހުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޝާން ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރަން އޮޑިޓަ ޖެނެރަލްގެ އޮފީހާއި އެމްއެމްއޭ އިން ވެސް ހުށަހެޅި އަނެއް ފިޔަވަޅަކީ މުވައްޒަފުންގެ އަދަދު މަދުކުރުމާ އެކު މުސާރައަށް ކުރާ ހޭދަ ކުޑަކުރުމެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ ދައުލަތުގެ މުވައްޒަފުން އިތުރު ކުރުމުގެ ބަދަލުގައި މިހާރު ތިބި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ޖެހޭ ކަމަށެވެ. މުސާރަތައް ބޮޑުކުރުމާއި މުވައްޒަފުން އިތުރު ކުރުމުގެ ސަބަބުން މުވައްޒަފުންނަށް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ލަފާގައި ބުންޏެވެ.
"...މިކަމުގައި އަޅުގަނޑުމެން މިދޭ ލަފަޔަކީ މުވައްްޒަފުންގެ އަަދަދު އިތުރު ކުރުމުގެ ބަދަލުގައި މުވައްޒަފުންގެ އެފިޝަންސީ އިތުރުކޮށް، ދައުލަތުން މިދޭ ހިދުމަތްތައް ދެވޭނެ އިތުރު އެފިޝަންޓް ގޮތްތައް ހޯދައި، އިތުރު މުވައްޒަފުން ނެގުމުގެ ބަދަލުގައި މި ދެންނެވިހެން އެފިޝަންސީ އިތުރުކޮށްގެން ކުރިއަށް ދިއުން،" އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ތިން ވަނަ ފިޔަވަޅަކީ ދައުލަތުން ދޭ ޕެންޝަނާއި އެހެނިހެން އިނާޔަތްތައް ޑުޕްލިކޭޓް ނުވާ ގޮތަށް އެކައްޗަކަށް ބަދަލުކުރުމެވެ.
ދައުލަތުގެ ބައެއް މުވައްޒަފުންނަށް އެއް ޕެންޝަނަށް ވުރެ ގިނަ ޕެންޝަންތައް ދޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން މީގެ ކުރިން ބަޖެޓްތައް ދިރާސާކުރި އިރުގައި ވެސް ލަފާދީފައިވާކަން ޝާން ފާހަގަކުރެއްވި އެވެ.
އުމުރުން ދުވަސްވެ، ޕެންޝަން ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ޑަބަލް ޕެންޝަނަށް ބޮޑު ހަރަދެއް ކުރާ ގޮތަށް އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި ވެސް އަޅުގަނޑުމެންގެ ރިކޮމެންޑޭޝަނަކީ ޕެންޝަން ގާނޫނާ އެއްގޮތަށް ޕެންޝަން ސްކީމްތައް ހާމަނައިޒްކޮށް، ޑަބަލް ޕެންޝަންގެ ގޮތުގައި މި ދެވޭ ފައިސާ، ޕެންޝަން ގާނޫނުގެ ތެރެއަށް ހާމަނައިޒް ކުރެވޭނެ ގޮތަކަށް އެ ކަންތައްތައް ކުރިއަށް ގެންދިއުން،" ޝާން ވިދާޅުވި އެވެ.
އެކަމަކު، ޖުމުލަކަށް މި ފަހަރު ވެސް ބަޖެޓް ކޮމިޓީގައި ދައްކަނީ ހަމަ އެއް ވާހަކަތަކެކެވެ. އަމަލީ ނަތީޖާއެއް ނުނެރެވޭ ނަމަ ހަމަ ހުސް ވާހަކަތަކެކެވެ. މުހިންމީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރާއިރު ރައްޔިތުންގެ މަޖިލީހުން މިކަންކަމަށް ރިއާޔަތްކޮށް، މި ފިޔަވަޅުތައް އަޅަން ބާރު އެޅުމެވެ. މެދުއިރުމަތީގެ ހަނގުރާމަ އާއި ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ވެސް ނިމުމުގެ ކޮޅުމަތި އަދި ނުފެންނާތީ ދުނިޔޭގެ އިގުތިސާދު ހަމައަކަށް އެޅޭނެ ދުވަހެއް ލަފާކުރަން އަދިވެސް ނޭނގެ އެވެ.