ދައުލަތުން ދުވަހުންދުވަހަށް ކުރާ ރިކަރެންޓް ހަރަދުތައް ހަމަޖެެއްސުމަށް ދަަރަނި ނެގުމަކީ އިގުތިސާދަށް ރަނގަޅުކަމެއް ނޫން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އެމްއެމްއޭގެ ލަފާ ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓްކޮމިޓީގައި ގަވަރުނަރު ވިދާޅުވީ ބަޖެޓަށް ބޭނުންވާ ފައިސާގެ ބޮޑުބައެއް ޑޮމެސްޓިކް މާކެޓަށް ޓްރެޝަރީ ބޮންޑް ވިއްކައިގެން ހޯދަން ސަރުކާރުން ރާވާފައިވާ ކަމަށާއި އެކަމުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. 

"ދަރަނި ހަމަ އަހަރުން އަހަރަށް އިތުރުވަމުން ދާއިރު ހާއްސަކޮށް ރިކަރެންޓް ހަރަދުތައް ހަމަޖައްސަން ދަރަނި ނެގުމަކީ އިގުތިސާދީ ގޮތުން ރަނގަޅުކަމެއް ނޫން. އެހެން ނަމަވެސް މިސާލަކަށް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކަށް ރަނގަޅު،" މުނައްވަރު ވިދާޅުވި އެވެ.

ދައުލަތުގެ ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނާ ހަވާލާދެއްވައި އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ރިކަރެންޓް ހަރަދު އިތުރުވާން ޖެހޭނީ ލިބޭ އާމްދަނީ އިތުރުވާ  ނިސްބަތުން ކަމަށެވެ.

"އެއީ ވަރަށް މުހިއްމު ހަމައެއް، އެ ހަމަ ހިފަހައްޓަން އެބަ ޖެހޭ ސަރުކާރުގެ ހަރަދުކުރުމުގައި ހާއްސަކޮށް ރިކަރެންޓް ހަަރަދު. ރިކަރެންޓް ހަރަދު އިތުރުވުމަކީ ހާއްސަކޮށް މީހުންނަށް ދޭ މުސާރަ އިތުރުވުމުން އެއިން އައުޓްޕްތަކެއް އިތުރުވަނީއެއް ނޫން،" މުަނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެޕިޓަލް ހަރަދުތައް އިތުރުކުރަން ޖެހޭ ކަމަށާއި އެ ހަރަދު އިތުރުކުރާ އިރު ވެސް އެމްއެމްއޭގެ ލަފަޔަކީ ފައިސާ ލިބޭ ވަރަކުން ހިންގާ ގޮތަށް މަޝްރޫއުތައް ހިންގާ ގޮތަށް މަސައްކަތްތައް ތަރުތީބުކުރުން ކަމަށެވެ.

ކެޕިޓަލް ހަރަދުތަކަށް ފައިސާ ހޯދާ އިރު ވެސް ކޮންސެޝަނަލް ފައިނޭންސިން ނުވަތަ ގްރީން ފައިނޭންސިން ހޯދުން މުހިއްމު ކަމަށާއި އެކަމަކު ދުނިޔޭގެ ބާޒާރު މިހާރު އޮތް ގޮތުން އެ ގޮތަށް ފައިނޭންސް ހޯދަން ފަސޭހަވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ. 

 އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ