ދައުލަތުން ހަރަދުކޮށްގެން ހިންގާ ހުރިހާ މަޝްރޫއުތަކެއް އޮޑިޓްކުރާ އުސޫލުން ރަސްމާލެ މަޝްރޫއު ވެސް އޮޑިޓްކުރާނެ ކަމަށާއި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ރަނގަޅީ އާމްދަނީ ލިބޭނެ ގޮތެއް ހިމަނައިގެން ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނިޔާޒީ ވިދާޅުވީ ބިންހިއްކުމުގެ މަަޝްރޫއުތަައް ފީޒިބަލްކޮށް ހިންގޭނީ ކޮމާޝަލް ބައެއް ހިމަނައިގެންކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ބިންހިއްކާ އިރު ކޮމާޝަލް ބައެއް ނުހިމަނާ ނަމަ ހިއްކާ ބިންތައް ހުންނާނީ ބޭނުން ނުކުރެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.
ރަސްމާލޭގައި ރިއަލްއެސްޓޭޓް މަޝްރޫއެއް ހިންގަން ނިންމާފައިވަނީ ދާއިމީކޮށް އާމްދަނީ ލިބެމުންދާ ގޮތަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ކަމަކީ ކޮމާޝަލް ކޮމްޕޯނެންޓެއް ލައިގެންކަން މި މަޝްރޫއުތައް ފީސިބަލްކޮށް ހިންގޭނީ. އެހެންނޫނީ އަަޅުގަނޑުމެން މި ހިއްކާ ބިންތައް އަދިވެސް ހަމަ ހުންނާނީ ބޭނުން ނުކުރެވި، ރަންގަނޑެކޭ ހިލަގަނޑެކޭ ހަމަ އެއްވަރު ވާނީ،" ނިޔާޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ 30 އަހަރުގެ ތެރޭގައި ދައުލަތުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް ދައުަލަތުން ޖުމްލަ 19 ބިލިއަން ރުފިޔާ ހަރަދުކުރި އިރު އެ ތަންތަނުގައި ކޮމާޝަަލް ބައެއް ހިމެނި ނަމަ އެ ފައިސާގެ 80 ޕަސެންޓް މިހާރު އޮތީހީ ލިބިފަ އެވެ.
"އަޅުގަނޑުމެން ކޮމްޕައިލްކޮށްފައި ހުރި ޑޭޓާތަކަށް ބަލާއިރު ރަސްމާލެ މަޝްރޫއު ނުހިމަނާ ވޭތުވެ ދިޔަ 30 ވަރަކަށް އަހަރު ތެރޭ އެބަ އޮތް 70 ވަރަކަށް ބިން ހިއްކުމުގެ މަޝްރޫއު ހިންގާފައި. އެއީ ގާތްގަނޑަކަށް 2،500 ހެކްޓަރުގެ ބިން އިތުރުކުރެވިފައި އޮތީ. މުޅި އެކު އެބަ އޮތް 70 ޕްރޮޖެކްޓަށް 19 ބިލިއަނެއްހާ ރުފިޔާ ހަރަދުކުރެވިފައި،" ނިޔާޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ހިއްކި ގިނަ ބިންތަކަށް ކަރަންޓާއި ފެން ފަދަ ހިދުމަތްތައް ނުދޭތީ ގެދޮރު އެޅުމަށާއި އިންޑަސްޓްރިއަލް ކަންތައްތަކަށް ވެސް އަދި ބޭނުންކުރެވެމުން ނުދާ ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބިންތައް އެގޮތަށް ބޭނުންނުކުރެވި ހުރި އިރު އެ ތަންތަނުގެ ކޮމާޝަލް ވެލިއު 15 ބިލިއަނަށް އަރަ އެވެ.
އެހެންވީމާ ދައުލަތަށް އާމްދަނީއެއް ލިބޭނެ ގޮތަކަށް ދައުލަތުގެ ބިންތައް ބޭނުންކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.